Ads by Farudhun

ޚަބަރު

ވަޠަނީ ޚިދުމަތުގެ 4ވަނަ ބުރުގެ މާލެ ސަރަހައްދުގެ އިންޓަވިއުތައް ނިމިއްޖެ

ވަޠަނީ ޚިދުމަތުގެ 4ވަނަ ބުރުގެ މާލެ ސަރަހައްދުގެ އިންޓަވިއުތައް ނިމިއްޖެ

މާލެ ސަރަހައްދުގައި ބޭއްވި އިންޓަރވިއުގެ ތެރެއިން. ފޮޓޯ: ދިފާޢީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޯގަސްޓު 2026، 04:04

10 އޯގަސްޓު 2026، 04:04

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމަށް މާލެ ސަރަހައްދުގައި ބޭއްވި އިންޓަވިއު ޕްރޮސެސް ނިންމާލައިފިއެވެ. މި ބެޗަށް ބައިވެރިން ހޮވުމަށް މާލެ ސަރަހައްދުގައި އިންޓަވިއުތައް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހުއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ހަތަރުވަނަ ބެޗުގައި ފުރުޞަތު ދީފައިވަނީ 3ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށެވެ. މި ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާގައި، އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައްވެސް ބައިވެރިން ފުރިހަމަކުރާނެއެވެ.

އަތޮޅުތެރޭގެ އިންޓަވިއުތައް ކުރިއަށް
މާލެ ސަރަހައްދުގައި ބޭއްވި އިންޓަވިއު ޕްރޮސެސް ނިންމާލާފައިވާއިރު، ރާއްޖޭގެ 12 ސަރަހައްދެއްގައި އަދިވެސް އިންޓަވިއުތައް ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ނ.މަނަދޫ، ރ.އުނގޫފާރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ތ.ވޭމަންޑޫ، ލ.ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ. މި މަސައްކަތުގައި އެމްއެންޑީއެފުގެ 5 ޓީމެއް އެކި ސަރަހައްދުތަކުގައި މިވަގުތުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މާލެ ސަރަހައްދުގައި އިންޓަވިއު ނިމުނު ނަމަވެސް، މި ހަފްތާގެ ތެރޭގައި ދެން ހުރި ޓެސްޓުތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ކުރިއަށްދާއިރު، މި އަހަރުގެ ޖޫން މަހުގެ 19ވަނަ ދުވަހު ވަނީ ތިންވަނަ ބުރުގެ ޓްރެއިނިންގވެސް ފަށާފައެވެ. ދިފާއީ ވުޒާރާއިން ވިދާޅުވީ، އެ ބެޗްގެ ބައިވެރިން މިހާރު ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450