ޚަބަރު
އއ. ރަސްދޫ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސަކަތް ފަށައިފި
އއ. ރަސްދޫ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފޮޓޯ: އެމްޓީސީސީ
އއ. ރަސްދޫ ބަނދަރު ބޭރުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ރޮކް ބޯލްޑަރ ރިވެޓްމަންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ ރަސްދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޖުމްލަ 80.44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ހިމެނޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި:
- 106,552 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން.
- 106 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން.
- 224 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
- 1,656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
- 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން.
- ދެ ކޮންކްރީޓް ބްރިޖް ހެދުމާއި، 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން.
އާބާދީގައި 1,285 މީހުން ދިރިއުޅޭ ރަސްދޫއަކީ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރާ، ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ ރަށެކެވެ. ނަމަވެސް، ރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުން އުޅަނދުފަހަރަށާއި، ރަށަށް އަރައި ފައިބާ މީހުންނަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި މަޝްރޫޢު ނިމުމާއެކު، ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއެކު ރަސްދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ ބޮޑު މައްސަލައަށްވެސް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.