Ads by Exprox

ޚަބަރު

ދިވެހީން އެއްރޫޙެއްގައި ޢަޒުމު ކަނޑައަޅަންވީ މި ވަޠަން މިނިވަންކަންމަތީ ދެމެހެއްޓުމަށް- ނައިބު ރައީސް

ދިވެހީން އެއްރޫޙެއްގައި ޢަޒުމު ކަނޑައަޅަންވީ މި ވަޠަން މިނިވަންކަންމަތީ  ދެމެހެއްޓުމަށް- ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

04 ސެޕްޓެމްބަރު 2024، 07:21

04 ސެޕްޓެމްބަރު 2024، 07:21

މިއަދު އަޅުގަނޑުމެން ދިވެހީން އެއްރޫޙެއްގައި އަތާއަތްގުޅައި ޢަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހާ ގުޅިގެން ޤައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަަވަމުން ނައިބު ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު ފަދަ ބަޠަލުންގެ ހިންމަތުން ޢިބްރަތް ޙާޞިލްކޮށް، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. 

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ދިވެހި ޤައުމަށް އިސްކަންދިނުން، "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމުގައެވެ. ޤައުމީ ދުވަސް ފާހަގަކުރާއިރު ކޮންމެ ދިވެއްސަކުވެސް ޢަޒުމު ކަނޑައަޅަންވީ އިޤުތިޞާދީ އަދި ސިޔާސީގޮތުން ދިވެހި ޤައުމު މިނިވަންކަންމަތީ ބޭއްވުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ. 

 ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މީގެ 465 ވަރަކަށް އަހަރު ކުރިން މުޙައްމަދު ތަކުރުފާނު އިސްވެ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަކީ ހުރިހާ ޒަމާނަކަށް އޮތް ނަމޫނާއެއް ކަމަށެވެ. އަދި މި މަތިވެރި ޖިހާދުން ޢިބުރަތް ޙާސިލްކޮށް މި ޤައުމު މިނިވަންކަންމަތީ ބޭއްވުމަށް ކޮންމެ ދިވެއްސަކުވެސް ޢަޒުމު ކަނޑައަޅަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco