ޚަބަރު
މީރާ ވެބްސައިޓުގެ ތެރެއިން ވަޤުފް ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ
އިސްލާމީ މަރުކަޒު---
އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑަށް، އެހީވުމަށް ޓަކައި މީރާގެ ވެބްސައިޓުގެ ތެރެއިން ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ޤާއިމުކުރެނު ލިންކުތަކުން 2026 ވަނަ އަހަރުގެ މިހާތަނަށް، 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ވަޤުފު ފަންޑަށް ލިބިފައިވާ މި ފައިސާ ޚަރަދުކުރެވިގެންދާނީ، އެ ފަންޑުގެ އުޞޫލުގައިވާ ގޮތުގެ މަތިން، ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށްށެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ވަޤުފު ފަންޑަކީ، އިސްލާމީ ވަޤުފުގެ އާދަކާދަ ދިރުވައި އާލާކުރުމަށާއި، ދީނީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމަށް އުފައްދަވާފައިވާ ފަންޑެކެވެ. މި ފަންޑަކީ، މުޖުތަމަޢަށް ޚިދުމަތްކުރުމާއި، އިޖުތިމާޢީ އެއްބައިވަންތަކަން ވަރުގަދަކުރުމާއި، އެކި ދާއިރާތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދޭ ތަޞައްވުރެއް އެކުލެވިގެންވާ ފަންޑެކެވެ.
2010 ވަނަ އަހަރު ވަޤުފު ފަންޑު އުފެދިގެން ގޮސްފައި ވަނީ، އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަޤުފުތައް ބެލެހެއްޓުމާއި، ތަރައްޤީކުރުމަށް ޓަކައި ޤައުމީ ފެންވަރުގެ މުއައްސަސާގެ އޮނިގަނޑެއް އެކުލަވައިލުމުގެ މަޤްޞަދުގައެވެ.
މި ފަންޑުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ މިސްކިތްތައް ބިނާކުރުމާއި ބެލެހެއްޓުމަށާއި، އިސްލާމީ ތަޢުލީމަށް ސްކޮލަޝިޕާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އިސްލާމީ ކުތުބުޚާނާތައް ގާއިމުކުރުން ފަދަ މަޝްރޫއުތަކަށެވެ. މީގެ އިތުރުން، ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ ކަންކަމަށް ފަންޑުކުރުމާއި، ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ތަރައްޤީކުރުމަށް އެހީތެރިވުން ފަދަ އިންސާނީ އެހީތެރިކަމުގެ އެކި ހަރަކާތްތަކަށް ވެސް މި ފަންޑުން ހިއްސާވެއެވެ.
މާލީ ވަސީލަތްތަކުގެ ބޭނުންހިފައި، އިސްލާމް ދީން ހުއްދަކުރާ ފަދަ އިންވެސްޓްމަންޓްތައް ކުރުމާއެކު، ފަންޑުގެ އަމާޒަކީ އިސްލާމީ އުޞޫލުތައް ރަމްޒުކޮށްދޭ އަދި ކުރިއަށް އޮތް އަހަރުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަދަ ދެމެހެއްޓެނިވި ޕްރޮޖެކްޓުތައް ހިންގުމެވެ.