ޚަބަރު
ރާއްޖެއާ އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން މިއަހަރު ގާއިމްކުރެވޭނެ: ވަޒީރު މުޙައްމަދު ސަޢީދު
"އިޤްތިޞާދުގެ ދެފަރާތް" ފޯރަމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން މިއަހަރުގެ ނިޔަލަށް ޤާއިމްކުރެވޭނެކަމަށް، އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިގޮތަށް ވިދާޅުވީ އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން "އިޤްތިޞާދުގެ ދެފަރާތް" ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރުމަށް މަސައްކަތްކުރާ މި އެއްބަސްވުމުގެ 'ޓާމްސް އޮފް ރިފަރެންސް' (ޓީއޯއާރް)ގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ވަޒީރު ވިދާޅުވީ، އިންޑިއާއާއެކު ކުރިއަށްދާ ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީގެ އެންމެ މުހިންމު އެއް ބޭނުމަކީ، ރާއްޖޭގެ ޒުވާނުންގެ އުފެއްދުންތައް އިންޑިއާގެ މާކެޓުން ޖާގަހޯދައިދިނުން ކަމަށެވެ. އައިޓީއާއި މުނިފޫހިފިލުވުމުގެ ދާއިރާއިން އިންޑިއާއަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސޮފްޓްވެއަރއާއި އެޕްލިކޭޝަން އުފައްދާ ދިވެހި ޒުވާނުންނަށް އެ ޤައުމުން ބޮޑެތި ފުރުޞަތުތަކެއް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އިންޑިއާއާ އެކު ޔޫޕީއައިގެ ޚިދުމަތް މިހާރު ފަށާފައިވާނެ ކަމަށާއި، އެއީ، ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތަކުގައި ބޭނުންކުރާ ނިޒާމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވި، އެއްބަސްވުމުގެ ދަށުން ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އިންޑިއާއާއެކު މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެން މި ބަލަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަދެވޭނެކަމަށް.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އިންޑިއާއާއެކު އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ މިދިޔަ ޖަނަވަރީ މަހު ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެވެ. އަދި ތުރުކީއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށް، މިމަހުގެ 1 ގައި ވަނީ އަމަލުކުރަން ފަށާފައެވެ.