ޚަބަރު
ނާޒުކު ހާލަތްތަކުގައި ނޫނީ ޒާތީ މައުލޫމާތު ހާމައެއްނުކުރާނެ: ވަޒީރު ޢަލީ އިޙްސާން
ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: މަޖިލިސް
ނާޒުކު ހާލަތްތަކުގައި ނޫނީ ޒާތީ މައުލޫމާތު ހާމަނުކުރާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު މީކާއީލު ވަނީ، 23 އެޕްރިލް 2026 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދަނާލެއްގައި ނިޔާވި ދަރިވަރަކާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ބަދަލުވެފައިވާ ޒާތީ މެސެޖުތައް ހާމަކުރުމުގެ އިހްތިޔާރު ސަރުކާރުގެ އިސްވެރިންނަށް ލިބިވަޑައިގަންނަވަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ޒާތީ މައުލޫމާތަކީ ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމަށާއި ވަކިން ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަކިން ބޮޑަށް ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
އަދި މެންބަރު މީކާއީލު އިޝާރާތް ކުރެއްވި ހާދިސާއަށް ފަހު ރައްޔިތުންގެ މެދުގަޔާއި މީސްމީޑިޔާގެ ވަސީލަތްތަކުގައި ދޮގު މައުލޫމާތު ފެތުރިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެ ދޮގު މައުލޫމާތުގެ ސަބަބުން، ނާޒުކު ހާލަތެއްގައި ހުރި ކުއްޖަކު ފުލުހުންގެ އެހީތެރިކަމަށް އެދުމުން، ފުލުހުން އެކަމަށް އަޅާނުލައި ދޫކޮށްލީ ކަމަށް ބުނެ ބޮޑެތި އިލްޒާމުތަކެއް އެޅުވިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއަކީ 24 ވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދެމިއޮންނަ މުއައްސަސާއެކަމަށާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކީ ޚިދުމަތް ލިބޭނެކަމުގެ ޔަގީންކަން އޮންނަ މުއައްސަސާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ފެތުރުނު ދޮގު ވާހަކަތަކަކީ، އެ ޔަގީންކަން ގެއްލުވާލުމަށް ރޭވިގެން ހިންގުނު ހަރަކާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ކޮންމެ ހާދިސާއެއްގެ ހެކީގެ މައުލޫމާތު ނުދޭނަމަ، އެ މައުލޫމާތެއް އޮޅުވާލާކަމުގެ ތުހުމަތު ކުރާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އެ ހާދިސާއާއި ގުޅިގެން ދިވެހިރާއްޖޭގެ ފުލުހުންގެ ގާނޫނުގެ ދަށުން، ފުލުހުންނަށް އޮތް އިތުބާރު ދެމެހެއްޓުމުގެ ގޮތުން، އެ ހާދިސާއާއި ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރުން މުހިންމުވީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް ކުރިއަށްއޮތްތަނުގައި، މިފަދަ ހާލާތްތަކުގައި ރައްޔިތުންގެ މައުލޫމާތު މިގޮތަށް ހާމަކުރަންޖެހޭ މިންގަޑަށް ހާމަކުރާއިރު ފަރުވާތެރިކަން އިސްކުރާނެ ކަމަށާއި، އާއްމުކުރާނީ ވަރަށް ކުޑަ މިންވަރެއްގެ މައުލޫމާތުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް ނާޒުކު ހާލަތްތަކުގައި ފުލުހުންގެ ފަރާތުން ހިދުމަތްދޭ ތަންތަން ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ޓަކައި، އަދި ރައްޔިތުންނަށް ކަންކަން އޮތްގޮށް ސާފުކޮށް އޮޅުންފިލުވައިދިނުމަށް ޓަކައި އަޅުގަނޑުމެން ލިމިޓެޑް މައުލޫމާތުތަކެއް، ލިމިޓެޑް ހާލަތްތަކުގައި ހާމަކުރާނެ،"
ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ، ޑޭޓާ ޕްރައިވަސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް މެއި މަހުގެ ތެރޭގައި ފަށާފައިވާކަން ފާހަގަކުރައްވާ، އެ ގާނޫނު ވުޖޫދުވުމުން މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.