ޚަބަރު
ޖުލައިގެ ނިޔަލަށް 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް: ފުލުހުން
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ހިންގުނު މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުން ހޯދިފައިވާ މަސްތުވާތަކެތީގެ އަދަދެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަކީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ބަލަމުން އައިސްފައިވާ މައްސަލަތަކެއް ކަމަށެވެ. މަސްތުވާތަކެތީގެ ވަބާއަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، "2024 އިން 2028 އަށް އެކުލަވައިލާފައިވާ ފުލުހުންގެ އެކްޝަން ޕްލޭންގައިވެސް މިކަމަށް މުހިންމު އިސްކަމެއް ދީފައިވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްލިމް ހާމަކުރެއްވި ގޮތުގައި ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނާއި އުތުރުގެ ޕޮލިސް ރީޖަންތައް ހިމެނޭހެން ޖުމްލަ 1,141 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 5 އޮޕަރޭޝަނެވެ. މި މުއްދަތުގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 1,875 މީހުން ހައްޔަރުކޮށްފައިވާއިރު، މިއީ ދުވާލަކު 8 މީހުންގެ ނިސްބަތެކެވެ. މީގެ އިތުރުން ޝައްކުކުރެވިގެން 23,249 ފަހަރު މީހުން ބަލައި ފާސްކޮށްފައިވާއިރު، މިއީ ދުވާލަކު އެވްރެޖްކޮށް 110 މީހުންނެވެ. އަދި ތަންތަން ބަލައި ފާސްކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 7,309 ފަހަރު އެކި ތަންތަން ފާސްކޮށްފައިވެއެވެ.
އަތުލައިގަތް ތަކެތީގެ ތަފްސީލާއި އަގު
ފާއިތުވި 7 މަސްދުވަހު އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަޙައްދުންނެވެ. އެގޮތުން މާލެ ސަރަޙައްދުން 137.85 ކިލޯ، ދެކުނުގެ އަތޮޅުތަކުން 3.06 ކިލޯ އަދި އުތުރުގެ އަތޮޅުތަކުން 3.45 ކިލޯއާއެކު ޖުމްލަ 144.34 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މީގެ އިތުރުން ޖުމްލަ 1,856 ފުޅި ބަނގުރާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ޑްރަގް އެންފޯސްމަންޓުން އަތުލައިގަނެވުނު މަސްތުވާތެކެތީގެ އަގަށް ބަލާއިރު، 137 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މަގުމަތީ އަގު 120.2 މިލިޔަން ރުފިޔާއަށް އަރައެވެ. އަދި އަތުލައިގަނެވުނު ބަނގުރަލުގެ އަގު 9.6 ލައްކަ ރުފިޔާއަށް އަރާއިރު ޖުމްލަ 121.2 މިލިޔަން ރުފިޔާގެ ތަކެތި ވަނީ އަތުލައިގަނެފައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވި 116 ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާއިރު، 37 މީހަކު ފަރުވާއަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކާ ވަނީ ޙަވާލުކޮށްފައެވެ. އަދި ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 6 ތަނެއް ވަނީ ބަންދުކޮށްފައެވެ.
މި މުއްދަތުގައި މަސްތުވާތަކެތީގެ 1,533 މައްސަލައެއް ތަޙުޤީޤުކޮށްފައިވާއިރު، އޭގެ ތެރެއިން 634 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މީގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން ތަޙުޤީޤު ކުރި 377 މައްސަލައިގެ ތެރެއިން 256 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ނުވަތަ ޓްރެފިކިންގެ 94 މައްސަލައެއް ހިމެނެއެވެ. މީގެ ތެރެއިން 83 މައްސަލައެއްގައި ދަޢުވާކުރުމަށް ފޮނުވައި 147 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.