Ads by Farudhun

ޚަބަރު

އިގްތިސާދަށް އެންމެ ބޮޑު ގޮންޖެހުމެއް އައި ދުވަސްވަރަކީ މިއީ: ޝިމާދު

އިގްތިސާދަށް އެންމެ ބޮޑު ގޮންޖެހުމެއް އައި ދުވަސްވަރަކީ މިއީ: ޝިމާދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2026، 02:59

11 އޯގަސްޓު 2026، 02:59

ދުނިޔެއަށް ކުރިމަތިވި ބޮޑު ހަތަރު "ކްރައިސިސް" ނުވަތަ ނާޒުކު ހާލަތެއްގައި ރަސްމީ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އިރު، އިގްތިސާދަށް އެންމެ ބޮޑު ގޮންޖެހުމެއް އައި ދުވަސްވަރަކީ މިއީ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

 ޝިމާދު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ގެނެސްދިން "އިގްތިސާދުގެ ދެފަރާތް" ޕެނަލް ޑިސްކަޝަންގައެވެ.

ޝިމާދު ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ހަތަރު ކްރައިސިސްއެއްގައި މަސައްކަތް ކުރެއްވިއިރު، 2008 ގައި މާލީ ގޮތުން ދަތިކަން ދިމާވިއިރު، މަސައްކަތް ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ދަރަނި ބެލެހެއްޓެވުމުގެ އިސް ވެރިއެއްގެ ގޮތުގައި ކަމަށެވެ. އޭގެ ފަހުން، ކޮވިޑް-19 ގެ ތެރޭގައި އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ވެސް މަސައްކަތް ކުރެއްވި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ދެން މިހާރު މި ހިނގާ މެދުއިރުމަތީގެ ހަނގުރާމައަށް އިޝާރާތް ކުރައްވައި ޝިމާދު ވިދާޅުވީ، "އަޅުގަނޑު ނުދެކެން ހަގީގަތުގައި މިއަށް ވުރެ އިގްތިސާދަށް އިމްޕެކްޓް ބޮޑުވި ދުވަސްކޮޅެއް،" ކަމަށެވެ.

މިފަދަ ނާޒުކު ހާލަތެއްގައި ރާއްޖެއަށް ކުރިމަތިވި ގިނަ ގޮންޖެހުންތަކުން ސަލާމަތްވުމަށް ދުރާލާ ސަރުކާރުން ކުރި މަސައްކަތް ފާހަގަ ކުރަން ޖެހޭ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކްރައިސިސް ކޮމެޓީއެއް އުފައްދަވައި، އެ ކޮމެޓީގެ ބެލުމުގެ ދަށުން ތެލާއި ކާބޯތަކެތި ހުސްވިޔަ ނުދީ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވި ކަމަށް ޝިމާދު ވިދާޅުވިއެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގައި ތެޔޮ ހުސްވެގެން ފްލައިޓްތައް ހުއްޓާލަން ޖެހޭ ހިސާބަށް ދިޔައިރު، އަދި އަވަށްޓެރި އިންޑިއާ އާއި ލަންކާގައި ކިއޫގައި ޖެހިގެން ރޭޝަން ކުރަން ޖެހުނު ނަމަވެސް، ރާއްޖޭގައި އެސްޓީއޯއާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން އެއްވެސް މުދަލަކަށް ނުޖެހި ހިފެހެއްޓުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާދު އިތުރަށް ވިދާޅުވީ މި ދަތި ހާލަތުގައި ވެސް ކާޑުގެ ބާވަތްތަކުގެ އަގު ހިފަހައްޓައި ބަރާބަރަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ހަނގުރާމައިގެ ކުރިން އަސާސީ ބާވަތްތަކުގެ ތެރެއަށް 23 ބާވަތެއް އިތުރު ކުރުމަކީ ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. މިއީ އާންމުކޮށް ރަމަޟާން މަހު ބާވަތްތައް ހުސްވެ، އަގު ބޮޑުވާތީ އެޅި ވަރަށް ރަނގަޅު އިނިޝިއޭޓިވްއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

 އިންޝުއަރެންސްއަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. އޮމާނުން ރާއްޖެއަށް ތެޔޮ އެތެރެކުރާ ބަނދަރަކީ ހަނގުރާމައިގެ ސަރަހައްދެއް ނޫން ނަމަވެސް، އެ ސަރަހައްދުން ތެޔޮ ގެންނަ ނަމަ "ވާ ރިސްކް" އިންޝުއަރެންސް ނަގަން ޖެހުމުގެ ސަބަބުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ.

ހާއްސަކޮށް މެއި އަދި ޖޫން މަހު ތެލުގެ އަގު ތިން ގުނައަށް އުފުލިގެން ދިޔަ ކަމަށާއި، ނަމަވެސް އެސްޓީއޯގެ އަމިއްލަ ދެ ބޯޓުގައި ތެޔޮ ގެނައުމުގެ ސަބަބުން ބޮޑު ލުޔެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން 600,000 ޑޮލަރަށް ޗާޓާ ކުރި ބޯޓުތަކުގެ އަގު 950,000 ޑޮލަރަށް އުފުލިފައިވާތީ، އަމިއްލަ ބޯޓުތައް ބޭނުންކުރުމަކީ ހަރަދު ކުޑަކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޝިމާދު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450