ޚަބަރު
ގަލްފުގެ ކަނޑުއޮޅިތައް ހިމާޔަތްކުރަން ސައުދީން އުފައްދާ ދިފާއީ އިއްތިހާދުގައި ރާއްޖެ ބައިވެރިވަނީ
ހޮރްމުޒް ކަނޑުއޮޅި
ގަލްފުގެ ގައުމުތަކުން ކަނޑުމަގުން މުދާ އުފުލުމުގައި ބޭނުންކުރާ މައި ކަނޑުއޮޅިތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.
މި އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި، "ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ސޮއިކޮށް، އެ މުއާހަދާ ތަސްދީގުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ސައުދީ އަރަބިއްޔާ އިސްވެ އޮވެ އިތުރު 13 ގައުމަކާއެކު އެކުލަވާލާފައިވާ މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަގުތައް ރައްކާތެރިކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި އިއްތިހާދުގެ ދާއިމީ ހެޑްކުއާޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގައެވެ. އިއްތިހާދުގެ ބައިވެރިވާ ގައުމުތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެކެވެ. އަދި އިއްތިހާދުގެ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށްދާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ދައުލަތްތަކުގެ ސިޔާދަތަށް ފުރިހަމައަށް އިހުތިރާމުކޮށްގެން ކަމަށް ބުނެފައިވެއެވެ.
މި އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އިތުރުން ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެއެވެ.