ޚަބަރު
ވިއްސާރަ ހުކުރު ދުވަހާ ހަމައަށް ދެމިގެންދާނެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
މޫސުން ގޯސް ދުވަހެއް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ހުކުރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ލަފާކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި، ގުގުރުން އެކަށީގެންވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމާބެހޭ އިދާރާއިން ހާމަކުރި ތަފްޞީލުތަކަށް ބަލާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ:
ދެކުނުގެ އަތޮޅުތަކަށް: ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި.
އެހެން ހިސާބުތަކަށް: ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި.
ވިލާގަނޑުގައި: ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި 2 ފޫޓާއި 5 ފޫޓާ ދެމެދު ހުރި އިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދު ހުންނާނެ ކަމަށް ބެލެވެއެވެ.
ހާފިޒް އިތުރަށް ވިދާޅުވީ، މޫސުން އަލިވާން ފަށާނީ ހުކުރު ދުވަހުގެ ފަހުން ކަމަށެވެ.
މިހާރު ބޮޑަށް ބެލެވެނީ ހުކުރުގެ ފަހުން މޫސުން އަލިވާންފަށާނެކަމަށް. އެއްކޮށް އަލިވެގެނެއް ނުދާނެ، ކޮންމެވެސް ވަރަކަށް ވާރޭވެހޭނެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ސަރަޙައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑުވުމުގެ ސަބަބުން ކުރާ ވިއްސާރައެކެވެ. މޫސުން ގޯސް މި ދުވަސްވަރު، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.