Ads by Farudhun

ޚަބަރު

ގިރިފުށި ކައިރިއަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ފެތިއްޖެ

ގިރިފުށި ކައިރިއަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ފެތިއްޖެ

ފަތުރުވެރިން ތިބި ލޯންޗު ބަންޑުންޖަހާލާފައި ފޮޓޯ: ސޯޝަލް މީޑިއާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2026، 07:23

11 އޯގަސްޓު 2026، 07:23

ކ. ގިރިފުށި ކައިރިން ދަތުރުކުރި ފަތުރުވެރިންތަކެއް ތިބި ލޯންޗެއް މިއަދު ފެތި، އަޑިއަށް ހިނގައްޖެއެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ދަތުރުކުރި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ލޯންޗު ފެތެމުން ދިޔައިރު އޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތިއްބެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

ލޯންޗު އެއްކޮށް އަޑިއަށް ދިއުމުގެ ކުރިން، ކައިރީގައި އޮތް ދޯންޏަކަށް ފަތުރުވެރިން އެރުވުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ދޯންޏަށް އެންމެން އެރުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލޯންޗު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވެސް ވަނީ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން، މިރޭ 11 ޖެހުމާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

ކަނޑު ގަދަވެ މޫސުން ގޯސްވުމާ ގުޅިގެން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450