ޚަބަރު
އދ. އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ދަނީ ކުރިއަށް
އދ. އޮމަދޫ ބަނދަރު ފޮޓޯ: އެމްޓީސީސީ
އދ. އޮމަދޫގެ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ބޮޑުހިލަ ޖެހުމާއި އެއްގަމު ތޮށީގެ ބްލޮކް ބެހެއްޓުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށީގެ ބްލޮކްތައް އަތުރައި ބެހެއްޓުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢަކީ އޮމަދޫގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.
މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތައް:
49,765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން.
12,105 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން.
346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން.
398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން.
208 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން.
16,470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް ހެދުން.
150 މީޓަރު ދިގު، 2 މީޓަރު ފުޅާ ޖެޓީއެއް ހެދުން.
ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން.
މި މަޝްރޫޢަކީ ޖުމްލަ 66.96 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 630 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އާބާދީގައި 853 މީހުން ދިރިއުޅޭ އދ. އޮމަދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ، އަދި މަސްވެރިކަމުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގެ ބަނދަރު ބާވެ ހަލާކުވެފައިވުމެވެ. ބަނދަރުގެ މަސައްކަތް ނިމުމުން، ރަށުގެ އިޤްތިސާދީ ހަރަކާތްތަކަށް ބޮޑު ދިރުމެއް ލިބި، ލަފާފުރުމުގައި ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް ނިމުމެއް އަންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީ މެދުވެރިކޮށް ހިންގަމުންނެވެ.