ޚަބަރު
މައިންބަފައިންގެ ނުކުޅެދުންތެރިކަން ހުރުމަކީ ކުއްޖަކު ދައުލަތަށް ނަގާނެ ސަބަބެއް ނޫން: މިނިސްޓްރީ
ކުޑަކުދިންގެ ހިޔާ
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ތުއްތު ކުއްޖަކު ދައުލަތަށް ނަގާނެ ސައްޙަ ސަބަބެއް ނޫންކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިހެން ވިދާޅުވީ ތުއްތު ކުއްޖަކު މައިމީހާއާއި ވަކިކޮށް ދައުލަތަށް ނަގާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކުޑަކުއްޖެއްގެ ކަމެއް ހިމެނޭ އެއްވެސް މައްސަލައެއްގައި ދައުލަތުން އެންމެ ފުރަތަމަ އިސްކުރާނީ ކުއްޖާގެ ރައްކާތެރިކަމާއި އެކުއްޖާގެ މަސްލަޙަތަށް ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކުދިންނަށް ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަންވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ތުއްތުކުދިން ޝާމިލުވާ ކަންކަމުގައި ގޮތް ނިންމުމުގައި ދައުލަތުން އަބަދުވެސް އިސްކުރާނީ އެކުދިންގެ މަސްލަޙަތުކަން ފާހަގަކުރައްވައި، އެ ވުޒާރާއިން ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާނީ ވަގުތީގޮތުން ކަމަށެވެ. އަދި ކުއްޖާ ދައުލަތަށް ނެގުމުގެ ކުރިން، މައިންބަފައިންގެ ގާތުގައި ބަހައްޓައިގެން ކުއްޖާގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، ކުއްޖާގެ އާއިލާގެ ތެރޭގައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ މެންބަރަކު ހުރިނަމަ، އެފަރާތަކާ ކުއްޖާ ހަވާލުކުރުމަށް އިސްކަންދޭނެ ކަމަށާއި، ދައުލަތަށް ކުއްޖާ ނަގާނީ އާއިލާގެ ތެރެއިން އެ ރައްކާތެރިކަން ލިބެން ނެތްކަން ކަށަވަރުވާ ހާލަތްތަކުގައި އެކަނި ކަމަށްވެސް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އަންހެން މީހާގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން ކުއްޖާ ވަކިކުރި ކަމަށް ބުނާ ވާހަކައަކީ ސައްޙަ ވާހަކައެއް ނޫން ކަމަށެވެ.
ތުއްތު ކުއްޖެއްގެ ކަރާމާތަށް އުނިކަން އައިސްދާނެ ފަދަ ގޮތަކަށް ހަގީގަތް ބެލުމެއް ނެތި ޚަބަރު ނުފެތުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ޚަބަރުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް އިތުރަށް ނާޒުކު ހާލަތަކަށް ހުށަހެޅިގެންދާނެތީ، އެކަމަށް ސަމާލުވުމަށްވެސް އެ ވުޒާރާއިން އެދިވަޑައިގެންފައިވެއެވެ.