ޚަބަރު
ސަމާލުވޭ: އޮޅުވާލައިގެން މައުލޫމާތު ހޯދަން ސީއެމްޑީއޭގެ ނަމުގައި ޕޭޖެއް ހިންގަނީ!
ސީއެމްޑީއޭގެ ލޯގޯ ފޮޓޯ: ސީއެމްޑީއޭ
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ނަމާއި ނިޝާން ބޭނުންކޮށްގެން، އާންމުންނަށް އޮޅުވާލުމުގެ އަމަލުތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީގެ ނަމުގައި ހިންގާ އޮންލައިން ޕޭޖެއްގައި އޮތޯރިޓީގެ ނަމާއި ނިޝާން އަދި އޮތޯރިޓީން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ބޭނުންކޮށްފައިވީނަމަވެސް، އެއީ އެއޮތޯރިޓީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫންކަމަށެވެ. އަދި އެ ޕޭޖް މެދުވެރިކޮށް އިންވެސްޓަރުންނާއި އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން އެކި އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މީގެއިތުރުން، އެ ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ނުވަތަ ޖަމާއަތަކަށް، ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް، މުއާމަލާތްކުރުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދީފައިނުވާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ސާފުކޮށްދެއްވާފައެވެ.
ޚާއްޞަކޮށް ފޭސްބުކްގައި ސީއެމްޑީއޭއިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ބޭނުންކޮށްގެން ގަސްތުގައި އާންމުންނަށް އޮޅުވާލަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ޕޭޖުތަކާ މުއާމަލާތު ނުކުރުމަށާއި، އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް އިންވެސްޓަރުންނާއި އާންމުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ޕޭޖުތަކުގައި ހާމަކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއްވެސް އަމަލެއް ނުކުރުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.
ސީއެމްޑީއޭއިން އިތުރަށް ވިދާޅުވީ، މިފަދަ ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ކުރަމުންދާ ކަމަށެވެ. ކެޕިޓަލް މާކެޓާ ގުޅޭ ސައްހަ މައުލޫމާތާއި، ރަސްމީ އިއުލާންތަކުގެ އިތުރުން ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ ލިސްޓު އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް (cmda.gov.mv) މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކެޕިޓަލް މާކެޓާ ގުޅޭގޮތުން އެއްވެސް ބާވަތެއްގެ ޝައްކުކުރެވޭ ކަމެއް ނުވަތަ އޮޅުވާލުމުގެ ގޮތުން މީސްމީޑިޔާގައި ހިންގާ ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް އެ އޮތޯރިޓީއަށް ރިޕޯޓްކުރުމަށް ސީއެމްޑީއޭއިން ވަނީ އެދިވަޑައިގެންފައެވެ.