ޚަބަރު
ވާޒީފާގެ މާހައުލުގައި އެންމެ މުހިންމު އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު: ވަޒީރު ހީނާ
ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ހީނާ ވާހަކަފުޅުދައްކަވަނީ---
މިއަދުގެ ވާޒީފާގެ މާހައުލުގައި އެންމެ މުހިންމު އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރުކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިގޮތަށް މިދާޅުވީ، އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ގޮތުން، 11 އޮގަސްޓު 2026 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންނަށް ދަސްވެގެންދާ ހުނަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރަނގަޅު ތަޤުރީރެއް އެކުލަވާލުމަށް ޓަކައި އެކުދިން ގިނަ މައުލޫމާތުތަކެއް އެއްކުރަންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިކަމުގެ ސަބަބުން އެ ކުދިންގެ މައުލޫމާތުގެ ހަޒާނާ މުއްސަނދިވެގެންދާކަން ފާހަގަކުރައްވާފައެވެ.
އަދި އެއްކުރާ މައުލޫމާތުތައް އަތުރައި، ވަކި ގޮތަކަށް ތަރުތީބުކުރަންޖެހުމުގެ ސަބަބުން ކުދިންގެ ފާޑުކިޔުމުގެ ފިކުރު ތަރައްޤީވެ، ވިސްނުންތޫނުކަން އިތުވެ، ކަންކަން ހައްލުކުރުމުގެ ޤާބިލުކަން ވެސް އިތުރުވެގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ވަޒީފާގެ މާހައުލުގައި ވެސް އެންމެ އެދޭ އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު. މި ހުންރު ހުންނަ ކުއްޖަކަށް، މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ވެސް ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްވެފަވޭ.
ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
ބޮޑެތި ކާމިޔާބީތައް ހާސިލުކުރުމަކީ މުއާމަލާތުކުރުމުގެ ހުނަރު ހުންނަ ކުދިންނަށް ވަރަށް ފަސޭހަ ކަމެއް ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.
ދުނިޔޭގެ ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ، އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ލީޑަރުންނަކީ، އަސަރުގަދަ ކުޅަދާނަ ވާހަކަދެއްކުންތެރިން ކަމަށެވެ. އަދި ދިވެހި ތާރީޚުގައި ނަން މަޝްހޫރު ބައެއް ވާހަކަދެއްކުންތެރިންގެ ނަން ފާހަގަކުރެއްވިއެވެ. މުޙައްމަދު އަމީންދީދީއާއި، މުޙައްމަދު ޖަމީލްދީދީއާއި އިބަރާޙިމް ޝިޙާބު ފަދަ ބޭފުޅުންގެ ނަން ފާހަގަކުރައްވާ ވަޒީރު ވަނީ އެ ބޭފުޅުންނަށް ތައުރީފުކުރައްވާފައެވެ.
މި މަހުގެ 11 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ފަށާފައި ވަނީ 325 ބައިވެރިންނާއެކުއެވެ.