ކުޅިވަރު
މޮނާކޯއިން ޕޮގްބާ ދޫކޮށްލާނެކަމަށް ރިޕޯޓުތައް ބުނެފި
ޕޮގްބާ މޮނާކޯއާ ގުޅުނީ މިދިޔަ ސީޒަނުގައި---
ފަރަންސޭސި ލީގުގެ މޮނާކޯއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ޕައުލް ޕޮގްބާ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ކްލަބުން ބޭނުންވާކަން ރިޕޯޓުތައް ބުނެފިއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިންމު ދައުރެއް އަދާކުރި ޕޮގްބާ އާއި މޮނާކޯއާ ދެމެދު މިހާރު ދަނީ ކޮންޓްރެކްޓް އުވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި މި މަޝްވަރާތައް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.
ޕޮގްބާ މޮނާކޯއާ ގުޅުނީ ޑޯޕިން މައްސަލައަކާ ގުޅިގެން ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށްފަހު، އަލުން ކުޅުމުގެ ހުއްދަ ލިބުމުން މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭނާ އެ ކްލަބާއެކު ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ނަމަވެސް، ފުރަތަމަ ސީޒަނުގައި އަނިޔާގެ ސަބަބުން އޭނާއަށް އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.
މޮނާކޯގެ މެނޭޖްމަންޓަށް އައި ބަދަލާއެކު، ސެބަސްޓިއަން ޕޮކޮގްނޯލީގެ ބަދަލުގައި ފިލިޕޭ ލުއިސް ކޯޗުކަމާ ހަވާލުވުމުން، ޓީމުގެ މެދުތެރެ ބައްޓަންކުރުމުގައި ޕޮގްބާގެ ބޭނުން ނުހިފުމަށް ނިންމާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޕޮގްބާގެ މައްޗަށް ޑޯޕިންގެ ތުހުމަތު ކުރެވުނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހު ހެދި ޓެސްޓަކުން 'ޑީއެޗްއީއޭ' އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެއާއެކު 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ހަތަރު އަހަރަށް ސަސްޕެންޑް ކުރިއެވެ. ނަމަވެސް ޕޮގްބާ ބުނަމުންދިޔައީ އޭނާ ބޭނުންކުރި ސަޕްލިމެންޓުގައި މަނާ ބޭހެއް ބޭނުންކޮށްފައިވާކަން ނޭންގޭކަމަށެވެ.
ކޯޓް އޮފް އާބިޓްރޭޝަން ފޯސްޕޯޓް (ސީއޭއެސް) އިން ފަހުން ވަނީ އޭނާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްދީފައެވެ. މިއާއެކު 2025 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އޭނާއަށް އަލުން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
މި މައްސަލައާ ގުޅިގެން މޮނާކޯ ކްލަބުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.