ޚަބަރު
ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އިންސާނާގެ މަޤާމު މަތިވެރި ކުރައްވާ ކަމެއް: ޑރ. ޝަހީމް
ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޑރ. ޝަހީމް ވާހަކަފުޅުދައްކަވަނީ---
ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އިންސާނާގެ މަޤާމު މަތިވެރި ކުރައްވާ ކަމެއް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިގޮތަށް ވިދާޅުވީ، އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ގޮތުން، 11 އޮގަސްޓު 2026 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ކިޔުންތެރިކަމާއި ލިޔުންތެރިކަމާއި، ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އިސްލާމްދީނުގައި ވެސް ނުހަނު މަތިވެރި މަޤާމެއްދެވިފައިވާ ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އިސްލާމް ދީނުގެ މަތިވެރި ރިސާލަތު މާތް ﷲ ފައްޓަވާދެއްވީ ކިޔުންތެރިކަމަށް ގޮވާލައްވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިކަމާއި ލިޔުންތެރިކަމަކީ މާތް ﷲ ދެއްވި ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި، އެންމެ ފުރަތަމަ ބާވާލެއްވި 5 އާޔަތުގައި ލިޔުންތެރިކަމުން އުނގަންނައިދެއްވިކަން ބަޔާންކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ އިންސާނީ ހަޟާރަތު ކުރިއެރުވުމަށް ކިޔުންތެރިކަމުގެ މުހިންމުކަން ބަޔާންވެގެންދާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަޒީރު ވަނީ، ކޮންމެ ކުއްޖެއްގެ ޝަޚުސިއްޔަތު ބިނާކުރުމަށް ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އިތުރުވެގެންދާ ފުރިހަމަ ސިފަތަކެއްކަމަށާއި އެކަން އެންމެ ބޮޑަށް ހާމަވަނީ އިސްލާމްދީނުންކަމަށް ވިދާޅުވެފައެވެ. ކޮންމެ އުއްމަތަކަށް ވެސް މާތް ﷲ ފޮނުއްވާފައި ވަނީ، އެޤައުމުގެ އަހުލުވެރިންގެ ބަހުރުވައިން އެކަލާނގެ ރިސާލާތު ބަޔާންކޮށްދެވޭވަރުގެ ބޭކަލުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމަކީ އިންސާނާގެ މަޤާމު މަތިވެރި ކުރައްވާ ކަމެއް.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ވާހަކަދެއްކުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިން ސަމާލުކަން ދޭންވީ މުހިންމު ހަތަރު ކަމެއް ވަޒީރު ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން، ގަވާއިދުން ފޮތްކިޔުމުގެ އާދަ އަށަގެންނެވުމާއި، ތަފާތު ތަގުރީރުތައް އަޑުއެހުމުގެ އިތުރުން، އެކަންކަމުން ދަސްކޮށް ފުރިހަމައަށް ތަމްރީނުވުމުގެ އިންތިހާ މުހިންމުކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް މި މަހުގެ 11 އިން 30 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގައި ޖުމްލަ 325 ބައިވެރިން ވާދަކުރެއެވެ.