ޚަބަރު
އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމާއެކު، މަސްގަތުމުގެ ވާދަވެރި ބާޒަރެއް އުފެދިއްޖެ: ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް މަޖިލީހުގައި. ފޮޓޯ: މަޖިލިސް އިދާރާ
ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ނަގަމުން އައި ޓެރިފް ކަނޑާލުމާ ގުޅިގެން، ރާއްޖޭގައި މަސްގަތުމުގެ ހަގީގީ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އިނގިރޭސިވިލާތުން ނަގަމުން އައި ޓެރިފް ކަނޑާލުމުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިންގެ އަތުން މަސް ގަންނަ އަމިއްލަ ކުންފުނިތަކަށް ވެސް މަސްވެރިންނަށް ދޭ އަގު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް އަދި މިފްކޯއިން ވެސް މިހާރު ރަނގަޅު އަގުގައި މަސް ގަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަސް. އަޅުގަނޑުމެން 14 އަހަރުވީ ޔޫރަޕާ އިނގިރޭސިވިލާތުން ނަގާ ޓެކްސް ކުޑަކުރުމަށް މަސައްކަތް ކުރާތާ. ނިޔަތެއް ނެތި، ހެޔޮ ނިޔަތެއް ނެތި ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާ ވަނީ އަބަދުވެސް ސިގްނަލް އައިސް އައިސް ހުންނަނީ. އެއްގޮތަކަށް މީގެން އެއްވެސް ޓެރިފެއް ސަސްޕެންޑެއް ނުވޭ، މީގެން އެއްވެސް ޓެރިފެއް ކުޑައެއް ނުވޭ.
ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއިން ޔޫރަޕަށް މަސް ބޭރުކުރާ ބާޒާރުތަކުގެ ތެރެއިން އެންމެ ބޮޑު ބާޒާރަކީ އިނގިރޭސިވިލާތް ކަމަށާއި، އެ ގައުމަށް އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޕައުންޑްގެ މަސް ބޭރުކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އަމިއްލަ ކުންފުނިތަކުން ގަންނަ މަސްކަން ފާހަގަކުރައްވަމުން، އެ ކުންފުނިތަކުން ކިލޯއަކަށް 21 ރުފިޔާއާއި 22 ރުފިޔާއާ ދެމެދުގެ ރަނގަޅު އަގެއް މަސްވެރިންނަށް ދެމުންދާ ކަމަށް ވިދާޅުވިއެވެ.
މިފްކޯއިން މަސް ގަންނަ އަގާ ގުޅޭގޮތުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރު ކިލޯއަކަށް 20 ރުފިޔާއަށް ވުރެ އަގު ދަށްކޮށް މަސް ނުގަންނާނެ ކަމަށާއި، ބައެއް ދުވަސްދުވަހު ކިލޯއަކަށް 22 ރުފިޔާ ވެސް ދެމުންދާ ކަމަށެވެ.
މީގެއިތުރުން، މި ސަރުކާރު ވެރިކަމަށް އައިއިރު މިފްކޯއަށް ދުވާލަކު ބަންދުކުރެވެނީ 50 ޓަނުގެ މަސް ކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ދުވާލަކު 300 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭ ވަރަށް ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.