Ads by Farudhun

ޚަބަރު

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ: މެޑަމް ސާޖިދާ

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2026، 01:29

12 އޯގަސްޓު 2026، 01:29

އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތަކެއް ހުންނާނެކަމަށާއި، ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ "މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެން.އެމް.އެޗް.ޑީ)އާއި، ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) އަދި ޑަބްލިއު.އެޗް.އޯ މޯލްޑިވްސް ގުޅިގެން ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ޚާއްޞަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދިވެހި ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނައިރު އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލިގެންދާކަމަށާއި، މިއީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދާކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި 2021 ވަނަ އަހަރުގެ ސްޓެޕްސް ސާރވޭ ބުނާގޮތުން، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލުކުރާ މީހެއްކަން ހާމަވެފައިވާތީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މީގެއިތުރުން، މި މަހާސިންތާގެ ތެރެއިން ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ، އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހުރިހާ މުވައްޒަފުންނަށް އިޙްތިރާމްކޮށް، އެކުވެރި މާހައުލެއް ޤާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްގެ އިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ އިސްވެރިންނާއި މުވައްޒަފުން، އަދި ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450