ޚަބަރު
ދައުލަތަށް ލިބުނު އާމްދަނީ 9.3 އިންސައްތަ އިތުރުވެއްޖެ
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް---
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ އޯގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރެއިން ޖީ.ޖީ.އެސް.ޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 10.4 އިންސައްތައިގެ އިތުރުވުމެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.0 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީއަށް ބަލާއިރު، 5.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓުގައިވެއެވެ. މީގެ ތެރޭގައި ހަރުމުދަލުން ލިބުނު އާމްދަނީއާއި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑް ހިމެނެއެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރަށްވުރެ ދެގުނައަށްވުރެ އިތުރުވެ، 454.8 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމެވެ.
ޚަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް ފުރިހަމައަށް އަދާކުރަމުންނެވެ. އޯގަސްޓް 6 ގެ ނިޔަލަށް ލޯނު ދެއްކުމަށް 9.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 146 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މީގެ ތެރޭގައި މުސާރައާއި ޕެންޝަންގެ އިތުރުން ސަބްސިޑީއާއި އާސަންދައަށް ކުރި ޚަރަދުތައް ހިމެނެއެވެ.
ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދުވެސް ވަނީ 7.0 އިންސައްތަ އިތުރުވެ، 3.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކާއި، ފާލަމާއި ބަނދަރު ފަދަ އުމްރާނީ ވަސީލަތްތަކަށް ކުރި ހޭދަ ހިމެނެއެވެ.
މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ފިސްކަލް ބެލެންސް ހުރީ 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. ނަމަވެސް ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބިފައިވާ ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.