Ads by Farudhun

ޚަބަރު

ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުތައް މަޖިލީހަށް ހުށަހަޅައިފި

ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުތައް މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2026، 02:25

12 އޯގަސްޓު 2026، 02:25

ބޭރު ފައިސާގެ ގާނޫނު އިތުރަށް މުރާޖަޢާކޮށް ހަރުދަނާކުރުމުގެ ގޮތުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ހިމެނޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

މި ބިލު ހުށަހަޅުއްވައިދެއްވަމުން މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، ބިލުގެ މައިގަނޑު މަގުސަދަކީ ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖަޢާކުރުން ކަމަށެވެ. އަދި ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ވެސް މިއީ މި ބިލުގެ މަގުސަދެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

ބިލުގައި ހިމެނޭ މުހިއްމު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމް ވިޔަފާރިތަކުގެ ތެރެއިން ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ މާރުކުރުމުގައި ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ. އެގޮތުން އާ އިސްލާހާއެކު ހަމައެކަނި އާމްދަނީގެ 20 އިންސައްތަ މާރުކުރުން ލާޒިމުވާ ގޮތަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ބޭރު ފައިސާއިން އާމްދަނީ ލިބޭ އާންމު ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރުން ލާޒިމުވާނީ އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ ވިޔަފާރިތަކަށް ކަމަށް ކަނޑައެޅުން ވެސް މި ބިލުގައި ހިމެނެއެވެ. މިހާރު ގާނޫނު އޮންނަ ގޮތުންނަމަ، އަހަރަކު 20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުން ލާޒިމުވެއެވެ.

އެންމެ މުހިއްމު އެއް އިސްލާހުގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ، ރާއްޖޭގައި ހިންގާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކެއްގައި ހުންނަ އެކައުންޓަކަށް ޖަމާކުރުން ލާޒިމުކުރުމެވެ. އަދި އެ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރަންޖެހޭ ގޮތަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މި އިސްލާހުތަކަށް އަމަލުކުރުމަށްޓަކައި އިންތިގާލީ މުއްދަތެއް އެމްއެމްއޭއިން އެކުލަވައިލާ ގަވާއިދުގައި ކަނޑައަޅަންޖެހޭނެއެވެ. މީގެއިތުރުން، މި އިސްލާހު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ލާޒިމުވާނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450