ޚަބަރު
މަޖިލީހުގެ ދައުރު މި މަހުގެ 20އަށް އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މި އަހަރުގެ ދެވަނަ ދައުރު މިމަހުގެ 20ވަނަ ދުވަހާ ހަމައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ރިޔާސަތުން ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން، އެ މަސައްކަތްތައް ނިންމެވުމުގެ ބޭނުމުގައި ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ 1 އިން މެއި 15ގެ ނިޔަލަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދާނީ ޖޫން 1 އިން އޯގަސްޓް 15ގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައިވަނީ އޮކްޓޯބަރު 1 އިން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދަށް ބަލާއިރު މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހަށް ނިންމަންޖެހެއެވެ. ނަމަވެސް، ދައުރު ހަމަވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެން ދައުރުގެ މުއްދަތު އިތުރުކުރެވެއެވެ.