ޚަބަރު
ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ އިސްލާހުގެ ބިލު ކޮމިޓީން ފާސްކޮށްފި
ޕްލާސްޓިކް ކޮތަޅު ފޮޓޯ: އިންޓަނެޓް
ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލު ފާސްކުރުމަށް މަޖިލީހުގެ މުޅި ކޮމިޓީގައި ބައިވެރިވެވަޑައިގަތް 65 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. މި ބިލު ފާސްކުރަން ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މި އިސްލާހުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމާއި، ކުނި މެނޭޖުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ. މި ބިލުގައިވާ ގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން މިހާރު ނަގަމުންދާ ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް ވަނީ ހިމަނާފައެވެ. މީގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ދައުލަތަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
މި ބިލު ހުށަހެޅި މަގްސަދުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުމާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ އެއްގޮތްކުރުންވެސް ބިލުގައި ލާޒިމްކޮށްފައިވެއެވެ.
ބިލުގައި ހިމެނޭ އިތުރު ބަދަލުތަކުގެ ތެރޭގައި، ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ކުނި މެނޭޖުކުރާ މަރުކަޒުތަކާއި އެ ތަންތަނުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. މި އިސްލާހުތަކާއެކު، ކުނި މެނޭޖުކުރުމުގެ ދާއިރާއަށް ޖުމްލަ ވަށާޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 18 ޑިސެމްބަރު 2022 ގައެވެ. މި ޤާނޫނުގެ މައިގަނޑު އަމާޒަކީ ކުނިން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ. މިއަދު ފާސްކުރި އިސްލާހުތަކާއެކު، ރާއްޖޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.