ޚަބަރު
އެމްއޭސީއެލްގެ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" އިފްތިތާޙުކޮށްފި
އެމްއޭސީއެލްގެ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" އިފްތިތާޙުކުރުން ފޮޓޯ: އެމްއޭސީއެލް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭވިއޭޝަން ދާއިރާގެ ފަންނީ ތަމްރީނުތަކަށް ޚާއްޞަކޮށްގެން އުފެއްދި "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އޭއައިއެމް) ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، މި އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އިންސްޓިޓިއުޓް އިފްތިތާޙުކުރުމުގެ އިތުރުން، އެ ތަނުން ކުރިއަށްގެންދިޔަ ފުރަތަމަ ތަމްރީނު ޕްރޮގްރާމްގެ ދަރިވަރުން ވަނީ މި ރަސްމިއްޔާތުގައި ދަސްވެނިވެފައެވެ. އެގޮތުން، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރުންނަށް ވަނީ ސަނަދު ހަވާލުކޮށްފައެވެ. ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ޝަރީފް ވިދާޅުވީ، އޭއައިއެމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ގެންގުޅޭ ދިގު މުއްދަތުގެ ތަޞައްވުރުގެ ވަރަށް މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރަފުވެރި މެހުމާނު ޑރ. މަޙްމޫދު ޝައުޤީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތަޢުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ.
މި އިންސްޓިޓިއުޓުން އެންމެ ފުރަތަމަ ހިންގި އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވްކޮށްފައިވާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ކޯހެކެވެ. 1 ޖޫން އިން 9 ސެޕްޓެމްބަރު 2025 އަށް ކުރިއަށްގެންދިޔަ މި ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ކޯހެކެވެ.
މިފަދަ ތަމްރީނުތަކުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.