ޚަބަރު
ތުއްތު ކުއްޖަކު ދައުލަތަށް ނެގި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ފޮޓޯ: އެޗްއާރްސީއެމް
ވިހެއުމަށްފަހު ތުއްތު ކުއްޖަކު އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ތުއްތު ދަރިފުޅު ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
ތުއްތު ކުއްޖާ މަންމައާ ވަކިކޮށް ދައުލަތަށް ނެގީ މަންމަގެ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކަމަށް މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ވަނީ އެކަން ދޮގުކޮށްފައެވެ. ސިއްޙަތާއި، އާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއްވެސް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުނަގާނެ ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާނީ އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާއިލާގެ ތެރެއިން އިތުރު އެއްވެސް ގޮތެއް ނުފެންނަ ހާލަތްތަކުގައި އެކަނި ކަމަށާއި، އެއީވެސް ވަގުތީ ގޮތުން ކުރެވޭ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ މިކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.