Ads by Farudhun

ޚަބަރު

އިގްތިސާދަށް ގެއްލުންވާ ގޮތަށް ވާހަކަދެއްކުމަކީ އެއްވެސް ފަރާތަކަށް ފައިދާވާނެ ކަމެއް ނޫން: ވަޒީރު ސައީދު

އިގްތިސާދަށް ގެއްލުންވާ ގޮތަށް  ވާހަކަދެއްކުމަކީ އެއްވެސް ފަރާތަކަށް ފައިދާވާނެ ކަމެއް ނޫން: ވަޒީރު ސައީދު

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޯގަސްޓު 2026، 10:57

12 އޯގަސްޓު 2026، 10:57

ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ނުތަނަވަސްކަން އުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުމަކީ އެއްވެސް ބޭފުޅަކަށް އޭގެ ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ، ޑޮލަރުގެ ތާށިކަމާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން މާކެޓުގައި ނުތަނަވަސްކަން އުފެދި، ބްލެކް މާކެޓަށް ހިތްވަރު ލިބި، ވިޔަފާރިވެރިންނަށާއި ގައުމުގެ އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. އަދި މިކަމުގެ އަސްލު މަގްސަދަކީ މުޒާހަރާތަކަށް މީހުން ޖަމާކުރުން ކަމަށްވިޔަސް، މިއަދު ރައްޔިތުންނަށް މިކަންކަމުގެ ހަގީގަތް ވަރަށް ސާފުކޮށް އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮލަރު ދޫކުރާ މިންވަރާ ގުޅޭގޮތުން ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ 2021 ވަނަ އަހަރާ އަޅާބަލާއިރު މިހާރު ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން:

ބޭންކު ކާޑުތަކަށް: 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 10 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު މަހަކު 39 މިލިއަން ޑޮލަރު ދޫކުރެއެވެ.
ވިޔަފާރިތަކަށް (TT): 2021 ގައި މަހަކު ދޫކުރީ 6.7 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު 27 މިލިއަން ޑޮލަރު ބޭންކުން ސަޕޯޓްދެއެވެ. ކުރިން އިމްޕޯޓްގެ އެންމެ 5 އިންސައްތަ ބޭންކުން ހަމަޖައްސައިދިންއިރު، މިހާރު 30 އާއި 40 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޭންކުން ޑޮލަރު ހަމަޖައްސައިދެއެވެ.
ދަރިވަރުންނަށް: 2021 ގައި 1.9 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު އެ އަދަދު ވަނީ 4 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ބޭސްފަރުވާއަށް: 2021 އަދި 2022 ގައި މަހަކު 3 ލައްކަ ޑޮލަރުވެސް ދޫނުކުރާއިރު، މިހާރު މަހަކު 3 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކުރެއެވެ.
ބޭރަށް ދަތުރުކުރާ ފަރާތްތަކަށް: 2021 ގައި 1.5 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު ބޭންކުން 10 މިލިއަން ޑޮލަރު ދޫކުރެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން މިހާރުވެސް ދަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދުވަހަކުވެސް ޑޮލަރު ދޫނުކުރާ މިންވަރަށް ޑޮލަރު ދޫކުރަމުން ކަމަށެވެ. އަދި ބްލެކް މާކެޓް އުފެދެނީ ބޭންކިން ސިސްޓަމަށް ޑޮލަރު ނުވައްދާ ބޭރުގައި ޑޮލަރު ވިއްކާތީ ކަމަށާއި، އިދިކޮޅު ސިޔާސީ ބޭފުޅުން މީޑިއާގެ ހެޑްލައިންތަކުން މިކަމަށް ހިތްވަރު ދެއްވަނީ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ ރޭޓު ކޮންޓްރޯލް ކުރަން އުޅެގެން މާކެޓް ރޭޓު 17 ރުފިޔާއަށް މަތިވި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓް ވިއްކާލުމާއި، ދިރާގާއި ފެން ކުންފުނި ފަދަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ވިއްކާލިކަން ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، ކޮވިޑް ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު އުފުލިގެން ދިޔަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި ސަރުކާރުން ވަނީ އެމްޑީޕީން ދިވެހިންގެ ބޮލުގައި އެޅުވި 1.2 ބިލިއަން ޑޮލަރުގެ ބޮޑު ލޯނު މި ދަތި ދަނޑިވަޅުގައިވެސް ދައްކާފައި. ރަހުނުކޮށްފައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް ސަލާމަތްކޮށްފި،" ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިގްތިސާދު ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގެ ދަށުން، އެއާޕޯޓް ޓާމިނަލް ހުޅުވައި، ވިޔަފާރި ބަނދަރުތައް ތަރައްގީ ކުރަމުންދާ ކަމަށެވެ. އަދި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި އަސާސީ ތަކެތި ހުސްވި ނަމަވެސް، ރާއްޖޭގައި މާތްﷲގެ ވާގިފުޅާއެކު ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭސް މެދުނުކެނޑި ލިބެމުންދާކަން  ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވަނީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިނގަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ އިގްތިސާދަށް ނުރައްކާވާ ފަދަ ވާހަކަތައް ނުދެއްކެވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450