ޚަބަރު
އުތީމު ކަނދުވަލު މިސްކިތް ކައިރީގައި ތަރައްގީކުރި "ވާހަކަ ވާ" ގައުމީ ދުވަހު ހުޅުވަނީ
މިނސްޓަރު ހީނާ ވަލީދު - ފޮޓޯ: ޕީއެސްއެމް
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ ތާރީޚީ ވާހަކަތައް އާޖީލުތަކަށް އުނގަންނައިދިނުމަށްޓަކައި، އުތީމު ކަނދުވަލު މިސްކިތް ކައިރީގައި ތަރައްގީކޮށްފައިވާ "ވާހަކަ ވާ" ނުވަތަ ސްޓޯރީ ފޯރެސްޓް މިއަހަރުގެ ގައުމީ ދުވަހު ހުޅުވުމަށް ނިންމައިފައިވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިއީ ބޮޑުތަކުރުފާނުގެ ހަނދާންތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެއް ކަމަށެވެ.
"ވާހަކަ ވާ" އާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ބިނާއަކީ އާންމުންނަށް ހިތްފަސޭހަ މާހައުލެއްގައި ތާރީޚީ މައުލޫމާތު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ތަނެއް ކަމަށެވެ. މިތަން ފަރުމާކޮށްފައިވަނީ ހިނގަމުން ބޮޑުތަކުރުފާނުގެ ވާހަކައިގެ އެކި ބައިތައް އެކި ހިސާބު ތަކުގައި މަޑުކޮށްލައިގެން ތިބެ ކިޔާލެވޭނެ އަދި ފެންނާނެ ގޮތަކަށެވެ.
މި މަޝްރޫއުގެ ދަށުން "ވާހަކަ ވާ" ތަރައްގީކުރުމުގެ އިތުރުން، ކަނދުވަލު މިސްކިތުގެ ވަށައިގެން ލައިޓް ޖެހުމާއި، އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. އަދި އެ ސަރަހައްދުގައިވާ ތާރީޚީ ވެވުގެ މަރާމާތުތައްވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
"ބޮޑުތަކުރުފާނުގެ ވާހަކަ، ވާހަކައެއްގެ ގޮތުގައި އެތަން ބޭނުންކުރާ ފަރާތްތަކަށް ބަލާލެވޭ ކިޔާލެވޭ ގޮތަށް، ހިނގާލުމެއްގެ ތެރެއިން އެވާހަކައިގެ އެކިއެކި ބައިތައް މަޑުކޮށްލައިގެން ތިއްބަވައިގެން ފެނިވަޑައިލެވޭނެ ކަހަލަ ގޮތަކަށް، ކިޔާލެވޭ ކަހަލަ ގޮތަކަށް މި ސްޓޯރީ ފޯރެސްޓު ނުވަތަ ވާހަކަ ވާ ތައްޔާރުކޮށްފައި މިވަނީ."
ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވި ގޮތުގައި، ގައުމީ ދުވަހާ ދިމާކޮށް މިތަން ހުޅުވުމަކީ އުތީމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތާރީޚީ ގޮތުން ގިނަދުވަސްވެފައިވާ ތަރިކައާއި ސަގާފަތް ތަޖުރިބާކޮށްލުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ. މީގެ އިތުރުން ހއ. އަތޮޅުގެ ބާރަށާއި ތަކަންދޫގައިވެސް ބޮޑުތަކުރުފާނުގެ ހަނދާންތައް ދިރުވުމުގެ މަޝްރޫއުތައް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިމަހުގެ 15 ވަނަ ދުވަހު އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، "ވާހަކަ ވާ" ހުޅުވުމުގެ އިތުރުން "ބޮޑުތަކުރުފާނުގެ ހަދާނީ ދޮރާށި" ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަސްމީކޮށް މާލޭގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުން އޮންނާނެ ކަމަށްކަމަށް ހީނާ ވިދާޅުވިއެވެ.