Ads by Farudhun

ޚަބަރު

ރާއްޖެއަށް މިހާރު އެވަރެޖުކޮށް ދުވާލަކަށް 6،000 އާ ގާތް މިންވަރަކަށް ފަތުރުވެރިން ޒިޔާރަތްކުރޭ

ރާއްޖެއަށް މިހާރު އެވަރެޖުކޮށް ދުވާލަކަށް 6،000 އާ ގާތް މިންވަރަކަށް ފަތުރުވެރިން ޒިޔާރަތްކުރޭ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް އެއާރޕޯޓުން ފުރުމަށް ތައްޔާރުވަނީ---

farudhun logo

ފަރުދުން

13 އޯގަސްޓު 2026، 10:17

13 އޯގަސްޓު 2026، 10:17

މި މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,964 ފަތުރުވެރިން ރާއްޖެއަށް އަންނަކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ މަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި އެކަނިވެސް 76,531 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 73,312 ފަތުރުވެރިންނާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ނަމަވެސް، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,331,148 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,387,700 ފަތުރުވެރިންނާ އަޅާބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ. މި އަދަދުތައް ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މި އަހަރުގެ މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު މަދުވުމެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ:

ޗައިނާ: 237,271 ފަތުރުވެރިން
ރަޝިއާ: 191,530 ފަތުރުވެރިން
އިނގިރޭސިވިލާތް: 102,596 ފަތުރުވެރިން

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އިޚްތިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 955,696 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 291,113 ފަތުރުވެރިން، ހޮޓާތަކުގައި 30,953 ފަތުރުވެރިން އަދި ސަފާރީތަކުގައި 24,470 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450