ޚަބަރު
އެމްޕީއެލް ބަނދަރުން މުދާ ބަރުކުރުމުގައި އަމަލުކުރާނެ ރަސްމީ މިންގަނޑުތަކެއް އާންމުކޮށްފި
އެމްޕީއެލްގެ ބަނދަރު. ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަހައްދުތަކުގައި، އެއްގަމު އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި އަމަލުކުރާނެ ރަސްމީ މިންގަނޑުތަކެއް އެ ކުންފުނިން ކަނޑައަޅައި އާންމުކޮށްފިއެވެ.
އެމްޕީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި މި އައު އުސޫލުތައް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ބަނދަރުން ބަރުކުރާ ކޮންމެ މުދަލަކީވެސް އެ މުދަލެއް އުފުލުމަށް އެކަށީގެންވާ، ރައްކާތެރި އުޅަނދަކަށް ބަރުކުރެވޭ މުދަލެއްކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މި ބަދަލުގެ މުހިންމު ބައެކެވެ. އަލަށް އަމަލުކުރަން ފެށި އުސޫލުތަކުގެ ދަށުން، ބަނދަރު ސަރަހައްދުގައި މުދާ ބަރުކުރަންވާނީ އެ މުދަލެއް ބަރުކުރުމަށް އެކަށީގެންވާ ރައްކާތެރި އުޅަނދުތަކަށް އެކަންޏެވެ. އަދި އާންމު މިންގަނޑަށްވުރެ ބޮޑެތި، ބަރު ނުވަތަ ދިގު މުދާ (އައުޓް އޮފް ގޭޖް ކާގޯ) އުފުލުމަށް ބޭނުންކުރަންވާނީ އެކަމަށް ހާއްސަ ކުރެވިފައިވާ އުޅަނދުފަހަރެވެ.
މިފަދަ އުޅަނދުތަކަށް މުދާ ބަރުކުރުމުގެ ހުއްދަ ދެވޭނީ އެއީ ރައްކާތެރި އުޅަނދެއްކަން އެމްޕީއެލް އިން ކަށަވަރުކުރުމަށްފަހުގައެވެ. އަދި މިފަދަ މުދާ ހިފައިގެން ބަނދަރުން ބޭރަށް ނުކުމެވޭނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ހުއްދާއާއެކު، އެ ފަރާތުގެ ބެލުމުގެ ދަށުންނެވެ.
ކޮންޓެއިނަރު އުފުލާ އުޅަނދުތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، އައިއެސްއޯ ކޮންޓޭނަރުތައް ބަރުކުރެވޭނީ ކޮންޓެއިނާރ ޝޫ ހަރުކުރެވިފައިވާ ޓްރެއިލަރުތަކަށް އެކަނި ކަމަށާއި، ބަރުކުރުމަށްފަހު ޓްވިސްޓް ލޮކް އަޅުވަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އުޅަނދަށް މުދާ ބަރުކުރުމަށްފަހު، ބަނދަރުން ނިކުތުމުގެ ކުރިން ހުރިހާ މުދަލެއް ފުރިހަމައަށް ރައްކާތެރިކަމާއެކު ލައިސަން ކުރުމަކީ އުޅަނދު ދުއްވާ ފަރާތުގެ ޒިންމާއެކެވެ. މިކަމަށް އެކަށީގެންވާ އާލާތްތައް ބޭނުންކުރަންޖެހޭނެއެވެ.
މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ނުވަތަ ރަނގަޅަށް ލައިސަން ނުކޮށް ހުންނަ އުޅަނދުތައް ބަނދަރުން ބޭރަށް ނިކުތަ ނުދީ ހިފެހެއްޓުމުގެ އިޚުތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ. އަދި އުސޫލާ ހިލާފުވާ އުޅަނދުތައް ވަގުތުން ބަނދަރުން ބޭރުކުރެވޭނެ ކަމަށާއި، ތަކުރާރުކޮށް އުސޫލާ ހިލާފުވާ ޑްރައިވަރުން ބަނދަރަށް ނުވެއްދުމަށްވެސް ވަނީ ނިންމާފައެވެ.
ބަނދަރުގެ ހިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކުން މި އާ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެމްޕީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. މި ފިޔަވަޅުތަކަކީ ބަނދަރުގެ މަސައްކަތްތަކާއި މަގުމަތީގެ އާންމު ރައްކާތެރިކަން އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ ކުންފުނިން ދެކެއެވެ.