ޚަބަރު
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާނެ
މީހެއްގެ އަތުގައި ގައުމީ އިނާމުގެ ގޮތުގައި ދޭ ހަނދާނީ ފިލާ: މި އަހަރުގެ ގައުމީ އިނާމު ދިނުން އަންނަ މަހަށް ވަނީ ފަސްކޮށްފައި -- ފައިލް ފޮޓޯ: މިހާރު
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ޖަލްސާގައި އިނާމު ލިބިވަޑައިގަންނަވާ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެއް ބޭފުޅެއްގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު އެރުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.