ޚަބަރު
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި
ބ. ދަރަވަންދޫ އެއާޕޯޓު---
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އަލުން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން 12 އޮގަސްޓު 2026 ގައިކޮށްފައިވާ އިއުލާނެއްގައި ވަނީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން، މި ކަމަމަށް އެދި ކުރިމަތިލުމުގެ ސުން ގަޑިއަކީ 18 އޮގަސްޓު 2026 ގެ ރޭގަނޑު 11:59 ކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި ބަލައިގަނެވޭނީ އެ މުއްދަތުގައި ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ޕްރޮޕޯސަލް އެކަނިކަމަށާއި، މި ޕްރޮޕޯސަލް ހުށައެޅުމުގެ ސުން ގަޑިއަކީ 10 ސެޕްޓެމްބަރު 2026 ކަމަށް ވެސް އެ އެކުންފުނިން ބުނެއެވެ.
މި ކޮންޓްރެކްޓުގެ ދަށުން، ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ޝަރުތުކުރެއެވެ. އަދި ކޮންޓްރެކްޓަށް ހޮވާއިރު، މީގެ ކުރިން އެފަދަ މަޝްރޫއުތައް ހިންގާފައިވާ ފަރާތްތަކަށާއި، 50 މިލިޔަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ފަރާތްތަކަށް އިސްކަންދޭނެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް މިއަދު ވަނީ ހުޅުވާލާފައެވެ. އެންމެ ފުރަތަމަ މި މަޝްރޫއަށް ކުރިމަތިލުމަށް އިއުލާނު ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެކި ކަހަލަ ހުރަސްތަކާ ހުރެ އެ ފަހަރު އެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.
2012 ވަނަ އަހަރު ހުޅުވި ދަރަވަންދޫ އެއާޕޯޓަކީ މިހާރުވެސް ދުވާލެއްގެ މައްޗަށް އަށް ފްލައިޓަށް ވުރެ ގިނައިން ޖައްސާ، އަތޮޅުތެރޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ. މި އެއާޕޯޓް ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.