ޚަބަރު
ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީ ކުރުމަށް ޔޫ.އޭ.އީ.އާއެކު މަޝްވަރާކޮށްފި
މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ފުލުހުން
ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އާ އެކު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މަޝްވަރާކޮށްފިއެވެ.
ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ ހެޑް، ޑރ. މުޙައްމަދު އަލް ކުވެއިތީ އާއި އެ ޤައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދާއެކު ބޭއްވި މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ އިސްކަންދަރު ބިލްޑިންގގައެވެ.
މި މަޝްވަރާގެ ތެރޭގައި ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި، ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އަދި ވަކިން ހާއްސަކޮށް، ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއަރަމުންދާ މިފަދަ ޒަމާނެއްގައި އަންނަމުންދާ ހަލުވި ބަދަލުތަކާއި ގުޅިގެން، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުމުގެ މަޝްވަރާތައް ބިނާކޮށްފައިވަނީ ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ އިންވެސްޓިގޭޝަނަލް އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުންނެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ވެސް ދެ ފަރާތުން ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ.
ހަމައެއާއެކު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ދެ ފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔޫ.އޭ.އީއިން ދިވެހި ފުލުހުންނަށް ދެއްވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ޔޫއޭއީގެ ވަފުދުގެ މި ދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާވެސް ބައްދަލުކުރައްވާފައިވެއެވެ.