ޚަބަރު
"ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" އިފްތިތާހުކޮށްފި
"ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" އިފްތިތާހުކުރުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ނުވަތަ ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިޔާލާއި މަޝްވަރާ ފޯރުކޮށްދިނުމަށް ޓަކައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" އިފްތިތާހުކޮށްފިއެވެ.
މިއީ އިޖުތިމާއީ އަދާލަތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައި ވެސް އަންހެނުންގެ ހިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމެނުމަށާއި، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގެގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ސިއްސަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ނިޒާމެކެވެ.
މި މަންސައިގެ މައިގަނޑު މަގުސަދަކީ، ރަށު ފެންވަރުން ފެށިގެން، އަތޮޅު، ސަރަހައްދީ އަދި ޤައުމީ ސިޔާސަތުތައް ކަނޑައަޅާ މަސްރަހުތަކުގައި ވެސް އަންހެނުންގެ ބައިވެރިވުން ހިމެނޭ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމެވެ. އޭގެ ބޭނުމަކީ، ރާއްޖޭގައި ނިންމޭ ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮތް، މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ހެދުމެވެ.
ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ މަންސަ މެދުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ގުޅުވައިދޭ ނިޒާމެއްގެ ގޮތުގައި "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު/ސިޓީ މަންސަ" ތައް ޤާއިމުކުރެވޭނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އަދި އަތޮޅު ފެންވަރުގެ މަންދޫބުން ހިމެނޭހެން، ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި އެކު "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ ޤައުމީ މަންސަ" އެއްވެސް އެކުލަވާލެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ޤައުމީ މަންސައިގެ މައިގަނޑު ބޭނުމަކީ، އަތޮޅު އަދި ސިޓީ ފެންވަރުގައި ފާހަގަކުރާ ކަންކަން "އަހަރީ އަންހެނުންގެ ސިޔާސަތުގެ އެޖެންޑާ" އަކަށް ބަދަލުކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކުން އަންހެނުން ފާހަގަކުރާ ކަންކަމަށް ބޭނުންވާ ހައްލުތައް ޤައުމީ ސިޔާސަތުތަކާއި، ތަރައްޤީގެ ޕްލޭންތަކުން ހޯދައިދިނުމަށް މަގުފަހިކޮށްދިނުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ކޮންމެ ރަށެއްގެ ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބައިވެރިކޮށްގެން އޮންލައިންކޮށް ކުރިއަށްގެންދެވުނު ބައްދަލުވުމެއްގެ ތެރެއިން، 'އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ' ތަޢާރަފުކޮށް، އަތޮޅު އަދި ސިޓީ މަންސަތަކުގެ ބައިވެރިންނަށް މިންތީގެ މަފްހޫމްތަކާއި، ޤާނޫނުތަކާއި، ޤައުމީ ފެންވަރުގައި އަންހެނުންގެ ހާލަތާ ގުޅުންހުރި ބައެއް ކަންކަމަށް އަހުލުވެރިކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.