ރިޕޯޓް
އެމްޑީޕީއަކީ ކަންބަޅި ބަކަރި ފަދައިން ރައްޔިތުން ގުރުބާން ކުރާ ޕާޓީއެއް!
ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޒާހަރާގައި - ފޮޓޯ: ވޮއިސް
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމްޑީޕީން ގެންގުޅޭ އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި އުކުޅަކީ އަމިއްލަ ސިޔާސީ މަންފާ ހާސިލުކުރުމަށްޓަކައި، އާންމު ރައްޔިތުންނާއި ޕާޓީގެ އިހުލާސްތެރި ސަޕޯޓަރުން "ކަންބަޅި ބަކަރި" ތަކެއް ފަދައިން ގުރުބާން ކުރުމެވެ. މިނިވަންކަމާއި ހައްގުތަކުގެ ނަމުގައި ބާއްވާ ކޮންމެ މުޒާހަރާއަކީ އާންމު މެންބަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްފަހު، ޕާޓީގެ އިސްވެރިން ފަހަތުގައި ސަލާމަތުން ތިބެ ރާވާ ސިޔާސީ ކުޅިގަނޑެކެވެ.
އެމްޑީޕީގެ "މަގުމަތީ ސިޔާސަތުގެ" ސަބަބުން އެތައް ދިވެހި ދަރިންނެއް ވަނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި އަހަރުތަކެއް ހޭދަކުރަން ޖެހިފައެވެ. މާޒީގައި މިފަދަ އެއްވުންތަކުގައި ބައިވެރިވެގެން ހައްޔަރުކުރެވި، ޖަލުގައި ތިއްބާ ބައެއް މީހުން ނިޔާވެގެން ދިޔަ ހާދިސާތައް ހިނގާފައިވާއިރު، ވެރިކަމުގެ ބާރު ލިބުމުން އެ ގުރުބާނީތައް ވީ މީހުންގެ ހަނދާން އާކޮށްލުމުގެ އިހުލާސްތެރިކަމެއްވެސް އެ ޕާޓީގެ ކިބަޔަކު ނެތެވެ. މިއީ އެމްޑީޕީން އާންމު މެންބަރުންނަކީ ހަމައެކަނި ވެރިކަމަށް ދާން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކޭކަމުގެ ދިރިހުރި ހެއްކެކެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، އެމްޑީޕީ އަކީ ދިވެހި ގައުމު ދަރުވާލުމުގެ "މޭސްތިރިން" ނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އަގުހުރި ހަރުމުދާތައް ބޭރުގެ ކުންފުނިތަކަށް ދީ، ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްބަސްވުންތައް ގާއިމުކުރިއެވެ. އޭގެ ފަހުން އައި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ފެނުނީ ހަމަ މި މަންޒަރެވެ. ބޮޑެތި ލޯނުތައް ނަގައި، ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުކޮށް، އަންނަން އޮތް ޖީލުތައް ބޮޑު އަނދަވަޅަކަށް ގައުމު ވައްޓާލިއެވެ.
މިކަމުގައި އޮތް އެންމެ ލަދުވެތި ކަމަކީ، ގައުމު އެންމެ ނިކަމެތި ހާލުގައި އޮތް އިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އެމްޑީޕީގެ ސަރުކާރުން ވައްކަން ކުރަން ފަސްނުޖެހުނުކަމެވެ. އޭރުގައި ރައްޔިތުންނަށް އެންމެ ބޮޑު ބޭނުމެއްޖެހުނު އެއް ވަސީލަތަކީ ވެންޓިލޭތަރެވެ. ނަމަވެސް ވެންޓިލޭޓަރުން ވައްކަން ކުރުމާއި، ކަރަންޓީނު ފެސިލިޓީތަކުގެ ނަމުގައި ހިންގި ބޮޑެތި ޚިޔާނާތްތަކަކީ އެމްޑީޕީގެ އަސްލު ސޫރަ ހާމަކޮށްދިން ކަންކަމެވެ. އެއީ ރައްޔިތުންގެ ފުރާނައަށްވުރެ އަމިއްލަ ޖީބު ބޮޑުކުރަން އުޅުނު ބައެއްކަން މިއަދު މުޅިގައުމު ހެކިވެއެވެ.
އިޖުތިމާއީ ގޮތުން ބަލާއިރު، "ޑާކްނެސް ރޫލްސް" ފަދަ އިސްލާމްދީނާއި ދިވެހި އަދަބު އަޚްލާގާ ޚިލާފު ފަލްސަފާތައް ފަތުރައި، މުޖުތަމައުގެ އަގު ފުނޑުފުނޑުކޮށްލުމަކީ އެމްޑީޕީގެ އެޖެންޑާގެ ބައެކެވެ. މުޒާހަރާތަކުގައި ބައިވެރިވެގެން ވަޒީފާ ގެއްލުނު މީހުންނާއި، އަނިޔާ ލިބި މީހުންގެ ލިސްޓު ދިގުއިރު، އެމްޑީޕީއަށް ވެރިކަން ލިބުމުން ފެނުނީ އަމިއްލަ އާއިލީ މަސްލަހަތާއި ގާތް މީހުންނަށް ބޮޑެތި މަގާމުތަކާއި ބޯހިޔާވަހިކަން ބަހާލި މަންޒަރެވެ. މާލެގައި ގެދޮދު ހުރި މީހުންނަަށްވެސް އެމްޑޕީގެ ވެރިކަމުގައި ވަނީ ގެދޮރާއި ފްލެޓް ދީފައެވެ. ނިކަމެތި މީހާ ނިކަމެތިވީއެވެ.
އެމްޑީޕީއަކީ ގައުމުގެ ހަމަޖެހުމާއި، އިގްތިސާދާއި، ދީނުގެ ހަލާކެވެ. ވެރިކަން ކުރަން ނޭނގޭ، ގައުމުގެ މުދާ ފޭރޭ، އަދި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ މިފަދަ ބަޔަކާއެކު މަސައްކަތް ކުރުމަކީ އަމިއްލަ އަތުން އަމިއްލަ ނަފްސު ނަރަކައަށް އެއްލާލުން ކަހަލަ ކަމެކެވެ. އެމްޑީޕީގެ ސިޔާސީ މަޅީގައި ޖެހި، އަމިއްލަ ނަފްސާއި އާއިލާ ނުރައްކަލުގެ ތެރެއަށް އެއްލާލުމަކީ ދިވެހި ރައްޔިތުން މިއަދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ، އަދި ދެވަނަ ފުރުސަތެއް ދޭން ހެޔޮނުވާނެ ވަރުގެ ބޮޑު ކުށެކެވެ.