Ads by Exprox

ޚަބަރު

ރައީސްގެ ސްޕީޗަށް ގިނަބައެއްގެ ތަޢުރީފް!

ރައީސްގެ ސްޕީޗަށް ގިނަބައެއްގެ ތަޢުރީފް!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

farudhun logo

ފަރުދުން

04 ސެޕްޓެމްބަރު 2024، 07:35

04 ސެޕްޓެމްބަރު 2024، 07:35

ދިވެހިރާއްޖޭގައި ކުރަމުންއައި ހަތަރު ފަސް ވެރިކަމެއް ފެނިއްޖެއެވެ. ބޮޑެތި ޙަފްލާތަކާއި ރަސްމިއްޔާތުގައި އެކި އެކި މަޢުޟޫއަަށް ވެރިން ވާހަކަދެއްކެވި އަޑުވެސް އެހީމެވެ. ޤައުމީ ދުވަހާ ގުޅިގެން ބާއްވާ ގިނަ ޖަލްސާތަކުގައި ޤައުމުގެ ވަލީޔުލްޢަމްރުން ދެއްވި ޚިތާބުތައްވެސް އަޑުއެހީމެވެ. އެހެން ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވިފަދަ ޚިތާބެއް ދުވަހަކުވެސް އަޑުއެހި ހަނދާނެއް ނުވެއެވެ. މިއީ މިއަދު ގިނަ ބަޔަކު ބުނަމުން އަންނަ ވާހަކައެކެވެ.

ސިޔާސީ ކަންކަމާއި ޤައުމިއްޔަތާއި އާދަކާދަތަކުގެ ވާހަކަ އެއްފަރާތަކަށް ޖައްސާލާނަމެވެ. އިސްލާމްދީނާއި ދީނުގެ ދިފާޢުގައި ޤައުމުގެ ވެރިޔާ މިއަދު ދެއްކެވި ވާހަކަ ގިނަ ބައެއްގެ ހިތްތަކާއި ހަމައަށް ފޯރައިފިއެވެ. 

ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަކުދިން ޝައުގުވެރި ކަމާއެކު އުޅޭ ދިވެހި ޤައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމް އަލުން ގެންނަން ބޭނުން  

މި ކުރު ޖުމުލަ ތަކުގައި މިވާ ކަންކަމަކީ ދިވެހި މުޖުތަމަޢުން މީގެ 15 ވަރަކަށް އަހަރު ކުރިން ފެންނަމުންދިޔަ ރީތި މަންޒަރު ތަކެއްގެ ވާހަކައެވެ. ކުރިންވެސް ފާހަގަކުރި ފަދައިން ރާއްޖޭގެ ރައީސަކު ދީނީކަންކަން ނެތިދާތީ އެކަންތަން ދިރުވާ އާލާކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ދިޔަަ އަޑެއް މިނޫނީ ނާހަމަވެ. 

ދިވެހިރާއްޖެއަކީ އިސްލާމީ އަގުތަކާއި އުސޫލުތަކުން ވެރިކަން ހިންގުމާއި ދުވަހުން ދުވަހަށް ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ މުސްލިމުން ގިނަ ޤައުމަކަށްވީއިރު ނެތިގެންދާ ދީނީ ކަންކަން ހަނދާން ކޮށްދޭން ޤައުމުގެ ވެރިމީހާ މަސައްކަތް ކުރައްވާތަން ފެނުމަކީ އުފާވެރި މަންޒަރެއް ނޫންތޯއެވެ؟ ޤައުމުގެ ސަޤާފީ އަދި ދީނީ އައިޑެންޓިޓީ ދަމަހައްޓައިގެން ޤައުމުގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި އިސްލާމީ އުސޫލުތައް ޒަމާނީ ވެރިކަމާ ގުޅުވާލައިގެން ކުރިއަށްގެންދާ ވެރިއަކު ލިބުމުން ޝުކުރުވެރި ވެވެއެވެ. 

ހިތާމައަކީ  ޑރ.މުޢިއްޒުގެ އިސްލާމީ ޢަޤީދާގެ ސަބަބުން އޭނާގެ ސިޔާސަތުތަކަށާއި ލީޑަރޝިޕް ސްޓައިލަށް ނުފޫޒު ފޯރުވާ މަދު ބަޔަކުވިޔަސް މި އިސްލާމީ މުޖުތަމަޢުގައި އުޅޭކަމެވެ. ފާޑުކިޔުމާއި ހަޖޫޖެހުން ހައްދު ފަހަނައަޅާފައެވެ. ޤަބޫލު ކުރެވެނީ މިއީވެސް އިސްލާމީ ރިވެތި އުސޫލުތައް އަށަގަނެފައި ނެތުމުން ހިނގާ ކަންކަން ކަމަށެވެ.  ދިވެހިރާއްޖޭގައި އިސްލާމިކް ލީޑަރޝިޕް މޮޑެލްއެއް ތަންފީޒުކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް  ގޮންޖެހުމަކީ ސިޔާސީ ޚިޔާލު ތަފާތުވުން ތަކެވެ. ދީނީ ކަމަކަށް ގޮވާލިޔަސް ހިތްނޭދޭ ވެރިޔަކު ނުވަތަ ބަޔަކު ނަމަ އެކަމަކީ ރަނގަޅުކަމެއްގެ ގޮތުގައި ބަލައިގަންނަން ގިނަބަޔަކު ދެކޮޅުހަދައެވެ. 

ދުޢާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤައުމު ހިންގުމުގައި ގެންގުޅުއްވާ އަސާސްތަކާއި ދީނީ ކަންކަން ދިރުވާ އާލާކުރެއްވުމަށް ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުމެވެ. އަދި މި ޤައުމަކީ ދީނަށް ލޯބިކުރާ ބަޔަކު އުޅޭ މިނިވަން ޤައުމެއްކަމުގައި ލެއްވުމެވެ. 


މި ލިޔުން ކިޔާލުމުން

Ads by Stelco