ޚަބަރު
ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ޖުލައިމަހު ވަނީ މަދުވެފައި: އެޗްޕީއޭ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
ރޯގާގެ ގޮތުގައި ފެތުރޭ ބަލިތަކުގެ އަދަދު ޖޫންމަހާ އަޅާބަލާއިރު މިދިޔަ ޖުލައިމަހު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑެންގީ، އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުންފަދަ ބަލިތައް ރިޕޯޓްކޮށްފައިވާ މިންވަރު ވަނީ ދަށްވެފައެވެ. އެހެންނަމަވެސް، މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޑެންގީ އަދި އަރިދަފުސް ރޯގާގެ ކޭސްތައް ދަށްވުން
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު ޑެންގީހުން ޖެހިގެން 673 މީހުން ރިޕޯޓުކޮށްފައިވާއިރު، ޖުލައި މަހު އެ އަދަދު ވަނީ 443 އަށް ދަށްވެފައެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން ޖޫން މަހު 34,877 މީހުން ރިޕޯޓްކޮށްފައިވާއިރު، ޖުލައި މަހު ރިޕޯޓްކޮށްފައިވަނީ 29,663 މީހުންނެވެ.
ޑެންގީހުމުން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާނެހެން ހެދުންެއެޅުމާއި، މަދިރި ރެޕެލެންޓް ބޭނުންކުރުމާއި، ފަތިސް އަދި ހެނދުނު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން ފެން ހަރުލާ ތަކެތި ސާފުކޮށް ބެހެއްޓުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އަދި ޑެންގީ ޖެހިއްޖެނަމަ އަރާމުކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން ޕެރެސެޓަމޯލް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
އިންފްލުއެންޒާ އަދި ބޭރަށް ހިންގުން
އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޖޫންމަހު 451 މީހަކު ޓެސްޓްކޮށް 142 މީހުން ޕޮޒިޓިވްވެފައިވާއިރު، ޖުލައި މަހު 212 މީހުން ޓެސްޓްކޮށްގެން ޕޮޒިޓިވްވެފައިވަނީ 33 މީހުންނެވެ. މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް 2,945 މީހުން ޓެސްޓްކުރެވުނުއިރު 1,043 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން، ބޭރަށް ހިންގުން ޖެހިގެން ޖޫންމަހު 4,442 މީހުން ރިޕޯޓްކުރި ނަމަވެސް، ޖުލައިމަހު އެ އަދަދު ވަނީ 4,307 އަށް ދަށްވެފައެވެ.
އިންފްލުއެންޒާ އަދި ކޮވިޑުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު ނޭފަތް ނިވާކުރުމާއި، އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި، ބަލިވެއުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ވެކްސިން ޖެހުން މުހިންމެވެ. އަދި ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ސައިބޯނިލައިގެން އަތްދޮވުމާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ފެން ކައްކައިގެން ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ހޮޑުލެވި ބޭރަށް ހިންގާނަމަ ލޮނުޕެކެޓާއި ދިޔާތަކެތި ގިނައިން ބޭނުންކުރުމަށާއި، އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ.