ޚަބަރު
އޭޑީބީން ރާއްޖެއަށް 50 މިލިޔަން ޑޮލަރުގެ އެހީއެއްދީފި
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް. ފޮޓޯ: ދަ ރިއަލިޓީ
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ރާއްޖެއަށް ކުއްލި އެހީގެ ގޮތުގައި 50 މިލިޔަން ޑޮލަރު ނުވަތަ 771 މިލިޔަން ރުފިޔާގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.
އޭޑީބީއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް"އަށް އެހީތެރިވުމުގެ ގޮތުން ދޫކޮށްފައިވާ ލޯނެކެވެ. އަދި މީގެ ސަބަބުން، ރާއްޖޭގެ ތެލުގެ އިމްޕޯޓާއި، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގުތައް އުފުލި، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އިމްޕޯޓްކުރާ ތެލަށް ހޭދަކުރާނެ ފައިސާ ހަމަޖެއްސުމުގައި ދައުލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލުގެ 94 އިންސައްތައަކީ އެތެރެކުރާ ތެޔޮ ކަމަށްވާއިރު، ބޯފެން އުފައްދާ ނިޒާމުތައް ހިންގުންވެސް އޮތީ މި ތެލުގެ މައްޗަށް ބިނާވެފައެވެ. މީގެ ސަބަބުން، ތެޔޮ ލިބުމަށް ބުރޫ އަރައިފިނަމަ އިތުރު ގޮތްތަކެއް ރާއްޖެއަކަށް ނެތެވެ.
އޭޑީބީގެ މި ލޯނު އެހީގެ ސަބަބުން، ކަރަންޓާއި ފެނުގެ ޚިދުމަތް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށާއި، ކާބޯތަކެއްޗާއި ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި އުފުލުމަށާއި، ރަށްރަށުގެ މެދުގައި ދަތުރުފަތުރުކުރުމާއި މުދާ އުފުލުމުގެ އިތުރުން ކުނި ނައްތާލުމުގެ ޚިދުމަތްތަކަށް ބޭނުންވާ ޑީސަލް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
އޭޑީބީގެ އިތުރުން، ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖެއަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.