ޚަބަރު
އުތީމުގައި ޤައުމީ ދުވަހުގެ ހަރަކާތްތައް ފަށައިފި
ހއ.އުތީމު. ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަށައިފިއެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތައް ފެށުނީ ރަށުގެ ބަނދަރު ސަރަޙައްދުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އުތީމަކީ މި އަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާ ރަށެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އުތީމުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނިންމަވާފައިވާތީ، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ ޤައުމީ ދުވަހަށްވެސް އުތީމު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ދުވަހަށް ބަހާލައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު ކުޑަކުދިންނާއި އިސްރަށްވެހިންގެ ޚާއްސަ ހަވީރެއް އޮންނާނެއެވެ. އަދި މިރޭ ސަޤާފީ އެކި ކުޅިވަރުތަކާއެކު ހަވާ އެރުވުމުގެ ޚާއްސަ ހަރަކާތެއް އޮންނާނެއިރު، އާދިއްތަ ދުވަހުވެސް ސަޤާފީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮންނާނީ ހޮނިހިރު ދުވަހުއެވެ. ޣާޒީ ރަދުންގެ ހަނދާންތައް ދިރުވާއާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ތެރެއިން އުތީމުގައި ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުގެ ދޮރޯށި ރަސްމީކޮށް ހުޅުވުމާއި، ވާހަކަ ވައު ހުޅުވުން މާދަމާ އޮންނާނެއެވެ. އަދި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާވެސް މާދަމާ ހެނދުނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މާދަމާ ހެނދުނު އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ އިއްޒަތްތެރިނަށް މަރުޙަބާ ދެންނެވުމަށްޓަކައި ރަށުގެ ބަނދަރުމައްޗާއި ރަށު ތެރޭގައި ޤައުމީ ދިދަ ދަމާ، ބޮޑުތަކުރުފާނުގެ ޖިހާދު ރަމްޒުކޮށްދޭ ޝިއާރުތައް ލިޔެފައިވާ ބެނާތަކާއި ގިޑިގެތައް ވަނީ ތައްޔާރުކޮށްފައެވެ.
ޤައުމީ ދުވަސް ނިސްބަތްވަނީ، އުތީމު އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ 1 ވަނަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ހަނދާން އާކޮށް، ޤައުމީ ބަޠަލުންގެ ޖިހާދުން ހިތްވަރު ލިބިގަތުމުގެ މަޤުޞަދުގައެވެ.