ޚަބަރު
ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން: އެމްއެންޑީއެފް
ދޯނި ހޯދުމުގެ މަސައްކަތް. ފޮޓޯ: އެމްއެންޑީއެފް
ސަޕްލައި ދޯނި "ފްރެންޑް 4" އިން ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
މި މަހުގެ 5 ވަނަ ދުވަހު ހިނގި ހާދިސާގައި ދޯނި ދިޔަވެ އަޑިއަށް ދިޔުމުގެ ސަބަބުން ގެއްލިފައި ވަނީ، ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33އ) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) ގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35އ) އެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން، މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބު ދެނެގަނެ، ހުވަދޫ ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް ވަނީ ބެލިފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި 15 އޮގަސްޓު 2026 ގައި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
14 އޮގަސްޓް 2026 ގެ 18:00އާ ހަމައަށް ކުރެވުނު މަސައްކަތުން، ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބެލިފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި، ހުވަދޫ ކަނޑުގެ އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބެލިފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ދޯނި އަޑިޔަށް ގޮސްފައި ވަނީ 1600 މީޓަރަށްވުރެ ފުން ސަރަހައްދަކަށް ކަމަށް ބެލެވޭ ކަމަށާއި، އެއީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫންކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. އަދި މި އޮޕަރޭޝަނުގައި "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" (ޔޫއޭވީ) ބޭނުން ކޮށްގެން ރޭގަނޑު ވެސް އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށާއި، އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވެސް އަންނީ މީހުން ހޯދުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި އޭގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ވަނީ ކަނޑުމަތިން ސަލާމަތް ކުރެވިފައެވެ.
އެމްއެންޑީއެފުން ވަނީ، މި ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު ޢަލީ، ކަނޑުގައި ދެ ބިދޭސީން ސަލާމަތް ކުރުމަށް ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތާއި، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް ޢަލީ ނާފިޢު، ސާޖަންޓް ޢަލީ ސައިފް، އޯގްޒިލަރީ ފަޔަރމަން ޢަބްދުﷲ ޝަފީޤު އަދި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރި ކެޕްޓަން ޙަމްދޫންގެ، ޤައުމީ ޚިދުމަތުގެ ހިތްވަރު ފާހަގަކުރައްވާފައެވެ.