ޚަބަރު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ޚާރިޖީ ވަޒީރު ޝާހިދުވެސް ވާދަކުރައްވަނީ
ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު. ފޮޓޯ: އެމްޑީޕީ
އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އެ ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވައި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.
އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ޝާހިދު ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، ތެދުވެރި ސަރުކާރެއް ގާއިމުކުރެވޭނީ އެމްޑީޕީއަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ބޭނުންވަނީ ވެފައިއޮތް ގޮތް ގަބޫލުކޮށް، ވާންވީ ގޮތް ހޯދައި ބަލާނެ ސަރުކާރެކެވެ. އަދި އެފަދަ ސަރުކާރެއް ވުޖޫދުކުރެވޭނީ ގާބިލު ތަޖުރިބާކާރު ބަޔަކަށް ކަމަށާއި، ރާއްޖެއަށް އައި ބޮޑެތި ބަދަލުތައް ގެނައީ އެމްޑީޕީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޕާޓީގެ އާންމު މެންބަރުންނާއެކު ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ގުރުބާނީއެއް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނަށް ދެއްވިއެވެ.
"އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމުގެ މަތިވެރި އަޒުމުގައި މާތްﷲގެ ހަޒްރަތުން ވާގިފުޅަށް އެދިހުރެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން،" ޝާހިދު ވިދާޅުވިއެވެ.
ޕާޓީގެ ރައީސްކަމުން އިސްތިއުފާދެއްވި ސަބަބު ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖެއަށް މިނިވަން ޑިމޮކްރެޓިކް އުސޫލުތައް ތައާރަފުކުރި ޕާޓީއަށްވާއިރު، ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ޕްރައިމަރީގައި ވާދަކުރެއްވުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި ތިބި ތަފާތު ފިކުރުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދެއްވައި، އެންމެން ގޮވައިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ބޭއްވި މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ އަދި އެމަނިކުފާނާ ގާތް ގުޅުމެއް ބާއްވަވާ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރީކޯ މޫސާ މަނިކާއި، ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި، ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިންގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ފައްޔާޒުވެސް ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ. މީގެއިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ވަނީ ނިންމަވައިފައެެވެ.