ޚަބަރު
"ފްރެންޑް 4" ބަންޑުން ޖަހާލައި ގެއްލުނު ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ވަޒީރާ ސީޕީ ބައްދަލުކުރައްވައިފި
"ފްރެންޑް 4" ބަންޑުން ޖަހާލާ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް
ސަޕްލައި ދޯންޏެއް ކަމަށްވާ "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށް ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައިވެއެވެ.
މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ، ހާދިސާގެ ޚަބަރު ލިބުމާއެކު އެރޭ ދަންވަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުން ގުޅިގެން، ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ނާފިއު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާކުރައްވާފައިވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ރައީސް ދުޢާކުރައްވާ ކަމަށާއި އާއިލާއަށް ހިތްވަރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1,650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ސާޖަންޓް ނާފިޢު މަސައްކަތް ކޮށްފައިވަނީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މި މަސައްކަތުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެއްވެސް ކަމެއް ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި މި ހިތާމާގައި ދިވެހި އެންމެހާ ފުލުހުން ބައިވެރިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާފައިވާނެ ކަމަށާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަންވެސް ކުރިއަށްދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.