ޚަބަރު
ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހެނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން: ވަޒީރު ހީނާ
ވަޒީރު ހީނާ ވަލީދު. ފޮޓޯ: ރައީސް އޮފީސް
ޤައުމީ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހެނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން ކަމަށް، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަންނާއި ސަގާފަތާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅުގައި، ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަން ހަނދާންކުރަންޖެހޭ ކަމަށާއި، ޤައުމު ބިނާކޮށް ޤައުމައިގެން ކުރިއަށް ދިއުމަށް ހިތްވަރު އާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޤައުމީ ދުވަހަކީ އިއްޔެއާ މިއަދާ ގުޅުވައި، މާދަމާއަށް ވިސްނައި، މި ދެމެދު މުރާޖަޢާކޮށް މާދަމާއަށް ތައްޔާރުވުމުގެ ދުވަހެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ގާޒީ ބަންޑާރައިންނަށް އަދާކުރެވޭ ލޯތްބާއި އިޙްތިރާމްގައި އެ ރަދުންނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކޮށް، އެ ހަނދާންތައް އާލާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ގާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވާ އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަވައިދެއްވާ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ޤައުމިއްޔަތު ދިރުވާ އާލާކޮށް، އޭގެ ޙަޤީޤީ މަޤާމަށް އިޔާދަކުރުމުގެ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ ޤައުމީ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާޒީގެ ޙަޤީޤަތްތަކާއި ފަޚުރުވެރިކަމަކީ ހިތަށް ޖޯޝްގެނުވައި ހިތްވަރު ނެރެދޭ ކަމެއް ކަމަށާއި، މާޒީގެ ތަޖުރިބާތަކާއެކު ޤައުމީ ސިފަތައް އަށަގެންފައިވާ ޒުވާނުންނަކީ މުސްތަޤްބަލުގެ ޔަޤީންކަން ކަމުގައި ވިދާޅުވިއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޤައުމީ ދުވަސް ފާހަގަކުރާއިރު މާޒީން ޢިބްރަތް ލިބިގަތުމަށާއި، ޤައުމީ ސިޔާދަތު ދިފާޢުކޮށް ނެގެހެއްޓުމުގެ ވިސްނުން އިސްކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި މުޖުތަމަޢު ބިނާކުރުމާއި، ޤައުމީ ލޯބި އުފެއްދުމަށް އިސްކަންދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.