ޚަބަރު
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރަނީ ޣާޒީ ބަންޑާރައިންގެ ޖިހާދަށް ޝުކުރު އަދާކޮށް ހަނދާން އާލާކުރުމަށް: ވަޒީރު ހީނާ
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަކީ ޣާޒީ ބަންޑާރައިންގެ ޖިހާދަށް ޝުކުރު އަދާކޮށް ހަނދާން އާލާކުރުންމުގެ ގޮތުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިގޮތަށް ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ދުޝްމިނުންގެ އަތްދަށުގައި ވަނިކޮށް، އެ މީހުންގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދެއްވި ބަޠަލުގެ އުފަން ރަށަކީ އުތީމުކަމާއި، 2 ޙާޖީންނާއި ދަންޑެހެލާއެކު، އުތީމު ތިންބެއިން ޖިހާދަށް ނިކުމެ ވަޑައިގެންނެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އުތީމުގައި ޤައުމީ ދުވަސް މި ފާހަގަ ކުރެވެނީ ޣާޒީ ބަންޑާރައިންގެ ޖިހާދާއި އެ ޤުރުބާނާއި، މި ޤައުމަށް ލިބުނު ނަޞްރާއި ނަސީބަށް ޝުކުރު އަދާކޮށް ޖީލުތަކަށް އެ ހަނދާންތައް ދެމެހެއްޓުމަށް ޓަކައި
ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
އަދި މިކަމަކީ ޤައުމީ އަމާޒަކަށް ހައްދަވައި، ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި އާލާކުރުމަށް ޤައުމީ މަޝްރޫއެއް ހިންގަވާދެއްވާ ކަމަށް ޓަކައި ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ، ޤައުމީ ދުވަހު ޤައުމީ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެއްކަން ހަނދާން ބަހައްޓައި، ޤައުމު ބިނާކޮށް، ޤައުމާއެކު ކުރިއަށްދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ހަމައެހެންމެ ވަޒީރު ވަނީ ޤައުމީ ދުވަސް ފާހަގަކުރާއިރު، މާޒީއިން އިބުރަތް ހާސިލުކޮށް، ޤައުމީ ސިޔާދަތު އިސްކުރުމުގެ މުހިންމުކަމާއި، މުޖުތަމަޢު ބިނާކޮށް ޤައުމީ ލޯބި އުފެއްދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަ ކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާއި، އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ.