ޚަބަރު
ދުންފަތް ކޮންޓްރޯލްކުރަން މަސައްކަތްކުރާ ޖަމިއްޔާތަކަށް އަހަރަކު 3 މިލިއަން ރުފިޔާ ދޫކުރުމުގެ އުސޫލު އާންމުކޮށްފި
ދުންފަތުގެ ބާވަތެއް ފޮޓޯ: އިންޓަނެޓް
ރާއްޖޭގައި ދުންފަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޚާއްސަ އުސޫލެއް އާންމުކޮށްފިއެވެ.
މި އުސޫލުގެ ދަށުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ ޕަބްލިކް ހެލްތު ފަންޑުން އަހަރަކު ޖުމްލަ ތިން މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. މި މާލީ އެހީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބާރުއަޅައި، ސަރުކާރުގެ ސިޔާސަތުތަކާ ފުށުނުއަރާ ގޮތަށް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ހަރަކާތްތައް ހިންގުމަށް ޖަމިއްޔާތަކަށް ފުރުސަތު ފަހިކޮށްދިނުމެވެ.
އެހީ ދޫކުރާނެ ގިންތިތައް:
- ވަކި ރަށަކަށް ނުވަތަ މުޖުތަމައަކަށް އަމާޒުވާ ހަރަކާތްތަކަށް: 75,000ރ. އާއި 100,000ރ. އާ ދެމެދު.
- މުޅި ރާއްޖެއަށް ފައިދާކުރާނެ ހަރަކާތްތަކަށް: 100,000ރ. އާއި 300,000ރ. އާ ދެމެދު.
- އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި ހިންގާ މަސައްކަތްތަކަށް: 300,000ރ. އާއި 500,000ރ. އާ ދެމެދު.
މި އެހީގެ ދަށުން ހިންގާ ކޮންމެ ޕްރޮޖެކްޓެއްގެ އިދާރީ ހަރަދުގެ ގޮތުގައި ހިމެނޭނީ ހުށަހަޅާ އަދަދުގެ އެންމެ ގިނަވެގެން 20 ޕަސެންޓެވެ.
އެޗްޕީއޭ އިން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދުންފަތުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުން، ޒުވާނުން ބައިވެރިކުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވުން އަދި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ނިކޮޓިން އެކުލެވޭ އުފެއްދުންތައް ބޭނުންކުރުން ހުއްޓުވުން ފަދަ ކަންކަން ހިމެނެއެވެ.
އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:
މި އެހީއަށް އެދެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން އެއް އަހަރު ވެފައިވާ ޖަމިއްޔާތަކަށެވެ. އަދި އެފަދަ ފަރާތްތަކަކީ ދުންފަތުގެ އެއްވެސް ވިޔަފާރިއަކާ ގުޅުންހުރި ބަޔަކަށް ވެގެން ނުވާނެއެވެ. އެހީއަށް އެދި ވަކިން ނުވަތަ ޖަމިއްޔާތައް ގުޅިގެން "ޖޮއިންޓް އެޕްލިކޭޝަން" ވެސް ހުށަހެޅިދާނެއެވެ.
ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި ބަލާ މިންގަނޑުން މަދުވެގެން 70 މާކްސް ލިބެންޖެހެއެވެ. މި ހުށަހެޅުންތައް އިވެލުއޭޓް ކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލައްވާ 7 މެމްބަރުންގެ ކޮމެޓީއަކުންނެވެ. މި ކޮމެޓީގައި ހެލްތު މިނިސްޓްރީ، އެޗްޕީއޭ، އެލްޖީއޭ، ހޯމް މިނިސްޓްރީ އަދި ޔޫތު އެޑްވައިޒަރީ ބޯޑުގެ މަންދޫބުން ހިމެނޭނެއެވެ.
ތިން އަހަރުގެ މުއްދަތަށް އައްޔަންކުރާ މި ކޮމެޓީގެ މެމްބަރުންނަށް އެއްވެސް އުޖޫރައެއް ނުވަތަ އިނާޔަތެއް ނުދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ މި ނިންމުމަކީ ރާއްޖެއަކީ ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.