ސައިންސް / ޚަބަރު
އަންހެން ކުދިން ސެޓެލައިޓް އުފައްދާ މިޝަންގައި ދިވެެެއްސެއް
އާމިނަތު ނޯޔާ ސަމީހު ފޮޓޯ: ވިމަންއިން މެނޭޖްމަންޓް
މި މަހު އިންޑިއާގެ ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އަންހެން ކުދިން ސެޓެލައިޓް އުފެއްދުމުގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ބައިނަލްއަގުވާމީ މިޝަން "މިޝަން ޝަކްތީސެޓް"ގެ ދެވަނަ ފިޔަވަހީގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އާމިނަތު ނޯޔާ ސަމީހު ހޯދައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެން ކުދިން ބައިވެރިވާ މި ބައިނަލްއަގުވާމީ މިޝަންގައި ނޯޔާ ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
"މިޝަން ޝަކްތީސެޓް" އަކީ 'ސްޕޭސް ކިޑްޒް އިންޑިއާ' އިން އިސްނަގައިގެން ކުރިއަށްގެންދާ، އަންހެން ކުދީންނަށް ޚާއްސަ، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އުންމީދީ އެއް ޖައްވީ ހަރަކާތެވެ. މިއީ ދުނިޔޭގެ 108 ގައުމަކުން 12,000 އަށްވުރެ ގިނަ އަންހެން ކުދިން ބައިވެރިވާ، މުޅިން ވެސް އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގާ ބޮޑު މަޝްރޫއެކެވެ.
މި ޕްރޮގްރާމްގެ ދަށުން، ހަނދުގެ އޯބިޓަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ސެޓެލައިޓެއް ފަރުމާކޮށް، ބިނާކޮށް، އަދި އުދުއްސާލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެއެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިން އަދި ހިސާބު (STEM) ފަދަ ދާއިރާތަކުން ޒުވާން އަންހެން ކުދިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެކުދިން ބާރުވެރިކުރުވުމެވެ.
ވިމްއިން ބުނި ގޮތުގައި ނޯޔާއަކީ ސައިންސާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ދާއިރާއަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ. އޭނާގެ އުންމީދަކީ ކޮމްޕިއުޓަރު ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، އައު އީޖާދުތަކުގެ އެހީގައި މުޖުތަމައަށް ފައިދާހުރި ބަދަލުތަކެއް ގެނެސްދިނުމެވެ. މީގެ އިތުރުން ނޯޔާއަކީ ވާހަކަދެއްކުމުގެ ދާއިރާއަށް ވެސް ލޯބިކުރާ ކުއްޖެކެވެ. އެގޮތުން ސައިބާ ބުލީއިންނާއި ސައިބާ ސޭފްޓީއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ ވަނީ ތަފާތު އޮންލައިން ކެމްޕޭންތަކާއި ތަގުރީރުތައް ދީފައެވެ.
މި ފުރުސަތާ ގުޅޭގޮތުން ނޯޔާ ބުނެފައިވަނީ، މިއީ އޭނާގެ ހުވަފެންތައް އިތުރަށް ފުޅާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޒުވާނުންނާ ބައްދަލުވެ، އައު ކަންތައްތަކެއް ދަސްކުރުމަށް ލިބުނު ރަން ފުރުސަތެއް ކަމަށެވެ. އަދި މި ދަތުރުން އޭނާއަށް ދަސްވި އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އުންމީދުތައް އުސްކޮށް ބެހެއްޓުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
'ވިމެން އިން މެނޭޖްމަންޓް' އިން ވަނީ ބައިނަލްއަގުވާމީ މިފަދަ މައިދާނެއްގައި ނޯޔާ ރާއްޖޭގެ ދިދަ އުފުލާތީ އެކަމާ އުފާކުރާކަން ހާމަކޮށްފައެވެ. އަދި ނޯޔާގެ މި ކާމިޔާބީއަކީ ރާއްޖޭގެ އެހެން އަންހެން ކުދިންނަށް ވެސް އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އެ ޖަމިއްޔާއިން އުންމީދުކުރެއެވެ.