ޚަބަރު
އުތީމު ކައުންސިލު އިދާރާގެ %53 މަސައްކަތް ނިމިއްޖެ
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ހއ. އުތީމުގައި ތަރައްޤީ ކުރަމުންގެންދާ ކައުންސިލް އިދާރާގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވީ، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރާޅު އެޅުމުގެ މަސައްކަތް ކަމަށެވެ.
އުތީމުގައި ތަރައްޤީ ކުރަމުންގެންދާ ކައުންސިލް އިދާރާގެ މަސައްކަތަކީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާތަކުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. މި މަޝްރޫއު ސަރުކާރުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް(އާރް.ސީ.ސީ) އާ ހަވާލުކޮށްގެނެވެ.
ކައުންސިލް އޮފީސް ޢިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަމުންދާ ހއ. އުތީމު ކައުންސިލް އޮފީސް ޢިމާރާތް pic.twitter.com/NNsagIcRU8
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 15, 2026
ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވެ، ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެ ތަންތަން ކައުންސިލްތަކާއި ހަވާލުކުރާނީ، ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއި ވެސް އެކުގައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ރަށްރަށުގެ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ އާރް.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލުގެ މަސައްކަތެވެ.