ޚަބަރު
ފިޔޯރީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ގދ. ފިޔޯރީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، ބޭރުތޮށިލުމުގެ މަސައްކަތުގެ ދަށުން މިހާރު ވަނީ އެ ރަށަށް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައި ކަމަށެވެ. އަދި ބްލޮކް އެތުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ގދ. ފިޔޯރީގައި ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލު މަހުގެ ތެރޭގައެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
މަޝްރޫޢުގެ ދަށުން 351،184 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ބަނދަރު ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރުގެ 28،872 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުން ހިމެނެއެވެ. އަދި 11 މީޓަރު ފުޅާ 11 މީޓަރު ދިގު ރޭމްޕެއް ހެދުމާއި، 2901 އަކަ މީޓަރުގެ ސަރަހައްދެއް ބެކްފިލްކުރުމާއި، 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރެވެޓްމެންޓް ޖެހުމާއި، 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
Project Update: Design and Build Contract for Gdh. Fiyoaree Harbor Upgrade Works - Phase 2 (Breakwater Construction)
— MTCC Plc (@MTCCPlc) August 16, 2026
We have delivered the first shipment of blocks and block installation is currently in progress.
Follow more updates at: https://t.co/RjAFCf3rnI… pic.twitter.com/AOwEbkuesN
މީގެ އިތުރުން، 260 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށި ލުމާއި، 17 މަގު ބައްތި ޖެހުމާއި، ހަތަރު ނެރު ބައްތި އަދި 66 މޫރިންގް ރިންގްސް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް 38.91 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އެމްޓީސީސީއިން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.
މި މަޝްރޫއު ނިމުމުން ރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މަޝްރޫއު ނިމުމުން، ރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.