ޚަބަރު
އުތީމު ދަތުރަށްފަހު ޗައިނާ ސަފީރުގެ ހާއްސަ މެސެޖެއް
އުތީމުގައި އިފްތިތާހުކުރެވުނު "ބޮޑުތަކުރުފާނު ހަނދާނީ ދޮރޯށި". ފޮޓޯ: ޗައިނާ ސަފީރު
މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ކުރެއްވި ދަތުރުފުޅަށްފަހު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންހުއާ ހާއްސަ މެސެޖެއް ހިއްސާކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ގައުމެއްގެ އެއްބައިވަންތަކަމުގެ އަސްލަކީ، އެ ގައުމެއްގެ ތާރީހާއި މެދު ރައްޔިތުންގެ މެދުގައި އޮންނަ ވިސްނުން ކަމަށް ވިދާޅުވެފައެވެ.
އަދި ޖެމެއިކާގެ ސިޔާސީ ލީޑަރެއް ކަމަށްވާ، މާކަސް ގާވީގެ ވާހަކަފުޅަކަށް އަލިއަޅުއްވާލައްވާ، ޗައިނާ ސަފީރު ވިދާޅުވީ، އެބައެއްގެ މާޒީގެ ތާރީޚާއި، އަސްލާއި އަދި ސަގާފަތުގެ މަޢުލޫމާތު ނެތް ބަޔަކީ މުލެއްނެތް ގަހެއް ފަދަ ބައެއް ކަމަށެވެ.
އަންނަން އޮތް ޖީލުތަކަށް ތާރީޚު އުނގަންނައިދިނުމަކީ، ކުރީގެ ހަނދާންތައް އެ ޖީލުތަކަށް ވާސިލުކޮށްދީ، ޤައުމީ ވަންތަކަން ބިނާކޮށް، އަދި ޖީލުތަކުގެ މެދުގައި އެއްބައިވަންތަ ވިސްނުމެއް އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަފީރު ވަނީ، އުތީމަށް ކުރެއްވި ޒިޔާރާތަކީ، ހަގީގަތުގައި ވެސް ނުހަނު ފައިދާހުރި، އުފާވެރި ޒިޔާރަތެއް ކަމަށް ވިދާޅުވެފައެވެ. އެއާއެކު ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ސަފީރު އަރިސްކުރެއްވިއެވެ.
A shared understanding of history binds a nation together. As Marcus Garvey once observed, “A people without the knowledge of their past history, origin and culture is like a tree without roots.” History education passes down collective memory, forges national identity and… pic.twitter.com/kYyHurrYBS
— Ambassador Kong Xianhua (@China_Amb_Mdv) August 15, 2026
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން އެ ރަށަށް ޒިޔާރާތްކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އަލްޣާޒީ މުހައްމަދު ތަކުރުފާނު އަޢުޒަމްގެ ގައުމީ ޖިހާދުގެ ތާރީހު ދައްކުވައިދޭ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަދި، "ވާހަކަ ވައު" ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
"ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު"ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.