Ads by Farudhun

ޚަބަރު

ޖުލައި މަހު ރަސްމީ ރިޒާވު 638 މިލިޔަން ޑޮލަރަށް - މިއީ 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެއް

ޖުލައި މަހު ރަސްމީ ރިޒާވު 638 މިލިޔަން ޑޮލަރަށް - މިއީ 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެއް

އެމްއެމްއޭގެ އިމާރާތް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2026، 06:35

16 އޯގަސްޓު 2026، 06:35

މިދިޔަ ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 638.03 މިލިޔަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 މަރުކަޒީ ބޭންކުން އާންމުކުރި ރިޒާވް ޑޭޓާ ޓެމްޕްލޭޓަށް ބަލާއިރު، މިއީ އޭގެ ކުރީ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރި 686.83 މިލިޔަން ޑޮލަރާ އަޅާބަލާއިރު 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 136.47 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.

ރަސްމީ ރިޒާވް ދަށްވުމާ އެކު، ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ގެ މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 221.8 މިލިޔަން އެމެރިކާ ޑޮލަރެވެ. އޭގެ ކުރީ މަހު ބޭނުންކުރެވޭ ރިޒާވުގައި 248.9 މިލިޔަން ޑޮލަރު ހުރިއިރު، މިއީ 27.1 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.

ރާއްޖޭގެ ރިޒާވަށް މިއަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވާ މައިގަނޑު ސަބަބަކީ އޭޕްރީލް މަހު ދެއްކި ބޮޑެތި ދަރަނިތަކެވެ. އެގޮތުން، ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިޔަން ޑޮލަރުގެ ސުކޫކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން އަނބުރާ ދައްކައި ހަލާސްކޮށްފައިވެއެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހުގެ ތެރޭގައި ވަނީ އަނބުރާ ދައްކާފައެވެ.

ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، އެގޮތަށް މާރުކުރާ ޑޮލަރުގެ %90 ބޭންކުތަކުން އެމްއެމްއޭއަށް ވިއްކައެވެ. އޭގެ ތެރެއިން ބައެއް ރިޒާވް ވަރުގަދަކުރުމަށް ބޭނުންކުރާއިރު، އަނެއްބައި ދޫކުރަނީ އާންމުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި މަހަކީ މަރުކަޒީ ބޭންކަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. އެގޮތުން، ދަތުރުފަތުރާއި ބޭސްފަރުވާއާއި އުމްރާގެ ދަތުރުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކި މިންވަރު ޖޫން މަހާ އަޅާބަލާއިރު ވަނީ %172 އިން އިތުރުވެފައެވެ.

މީގެ އިތުރުން، ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އާންމު އުސޫލުން ކޮންމެ ހަފްތާއަކު ބޭންކުތަކަށް ވިއްކާ ބޭރު ފައިސާއަށްވުރެ %51 އިތުރު އަދަދެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450