ޚަބަރު
ވިލިމާލޭގައި ދެ މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ވިލިމާލޭގެ ދެ މަޝްރޫޢުގައި ސޮއިކުރުން / ފޮޓޯ: އެމްޓީސީސީ
ވިލިމާލޭގައި ޑިންގީ ޖެޓީއެއް ތަރައްޤީކުރުމާއި، އެ އަވަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ. ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރް އިސްމާޢީލް ޙަމީދު.
ވިލިމާލޭ ޑިންގީ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 3 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 74 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 24 މީޓަރުގެ ބޭރުތޮށްޓެއް ލުމުގެ އިތުރުން 74 މީޓަރު ދިގު، ފުޅާ ބްރިޖެއް އެޅުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. ޖުމްލަ 14.91 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ 1.09 ހެކްޓަރުގެ ބިން ހިއްކުމާއި، 150 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. އަދި ހަމައެއާއެކު 181 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. ދައުލަތުގެ ބަޖެޓުން 45.66 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މި ދެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، ވިލިމާލޭގައި ޑިންގީ ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރަށުގެ ގޮނޑުދޮށް ރައްކާތެރިކުރެވިގެންދާނެއެވެ.